ޚަބަރު

އިންޓަރއިން އާސީޒަން މޮޅަކާއެކު ފަށައިފި


  • އިންޓަރއިން މޮންޒާ އާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު 1 ލަނޑުން

އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެންޕިއަން އިންޓަރ މިލާނާއި މޮންޒާ ބައްދަލުކުރި މެޗު އިންޓަރއިން ކާމިޔާބު ކޮށް އާސީޒަންގެ ފެށުން ރަނގަޅު ކޮށްފިއެވެ.

އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު 4 ލަނޑު އެއް ލަނޑުންނެވެ. އިންޓަރގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީވެސް އިންޓަރއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ އިންޓަރ އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަކާން ޗަލަނޮގްލޫއެވެ. ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ މޮންޒާއިންވަނީ މެޗުގެ 29 ވަނަ މިނެޓުގައި ގުސްޓާވޯ ވަރޭލާ ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުގައި އިންޓަރއިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޕިއޮޓްރޭ ޒިއެލިންސްކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި އިންޓަރގެ ތިންވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕިއޯ އެސްޕޮސީޓޯއެވެ. އަދި ފަހު ލަނޑު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޔާން ބިސެކްއެވެ.

މިމެޗުގެ ދެވަނަ ހާފުގައި މިސީޒަންގައި އިންޓަރ އާއި އަލަށް ގުޅުނު އިންގްލަންޑްގެ ޑިފެންޑަރ ޖޯން ސްޓޯންސް ކުޅެން އަރާފައިވެއެވެ. އަދި އިންޓަރ އާއި އަލަށް ގުޅުނު އިންގްލަންޑްގެ އަނެއް ދެ ކުޅުންތެރިން ކަމަށްވާ ޖެޑް ސްޕެންސް އާއި ކާޓިސް ޖޯންސް މިމެޗުގައި ބައިވެރި ނުވެއެވެ.

ސެރީއާގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު އުދިނޭސީ އާއި ކޯމޯ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރު ވިއިރު ނަޕޯލީ އާއި ޖެނޯއާ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނަޕޯލީއެވެ. އަދި ކަގްލިއާރީ އާއި ޕާމާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ކަގްލިއާރީއެވެ.