ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތާއި ކޮލެޓީއާމެދު ހިތްހަމަޖެހޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މި ފްލެޓަކުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.
ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ. މީގައި ހިމެނެނީ 2 ކޮޓަރާއި 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢެވެ.
މި 32 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭ.ޕީ.އައި.އެލްއިންނެވެ. އެކުންފުނީގެ ޓަވަރުތަކަށް ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން، އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީގެ 16 ޓަވަރަށް ދީފައިވަނީ "އަމާން ދޯދި" މި ނަމެވެ.
މި ފްލެޓަކާގުޅޭގޮތުން މީޑީއާތަކަށް މަޢުލޫމާތުދެއްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ޙަވާލުވިއިރު މި ފްލެޓުތަކުގެ މަސައްކަތްވެސް އެންމެ އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާކަމަށެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކާ ފާއިތުވި މުއްދަތުގެ ތެރޭގައި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި، މި މަޝްރޫޢުގެ ދެ ކޮންޓްރެކްޓަރުން ގުޅިގެން މަސައްކަތުގެ ސްޕީޑު އަވަސްކޮށް، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބާމެދު ޖުމްލަގޮތެއްގައި ސަރުކާރުން ވަރަށް ހިތްހަމަޖެހޭކަމަށެވެ.
"ޙަޤީޤަތުގައި އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރުގައި މަސައްކަތް ހުރި މިންވަރާ ބަލާއިރުގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްގޮސްފައި މިވަނީ. އެފްޑީސީއާ ކޮންޓްރެކްޓަރުންނާ ގުޅިގެން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައި މިވަނީ. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ މަސައްކަތް ނިމެމުންދާ ސްޕީޑާއި އަދި ކޮލެޓީއާ ދޭތެރޭގައި." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
މި 4000 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ޑިޒައިންކޮށްފައިވާގޮތުން މަސައްކަތުގެ ސްކޯޕުގެ ތެރޭގައި މިތަންތަނަށް ބޭނުންވާ ފެނާއި ނަރުދަމާފަދަ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ހިމަނާފައެއްނުވެއެވެ. އެހެންކަމުން މިތަންތާނގައި މީހުން ދިރިއުޅެން ފަށަންވާއިރަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ވަކި މަޝްރޫޢެއްގެ ގޮތުގައި މިހާރު ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ މަސައްކަތް ކުރަނީ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ.
މި ފްލެޓްތަކުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތައް އެކުލަވާލާ ފްލެޓްތައް އެފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ފެށުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެއްފަހަރާ ނޫންކަމަށެވެ. އޭގެ ބަދަލުގައި ޓަވަރުތަކަށް ޔޫޓިލިޓީ ކަނެކްޝަންތައް ގުޅައިދީ ނިމޭ މިންވަރަކުން ފްލެޓްތައް ޙަވާލުކުރުން ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން، އެންމެ ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މިހުރިހާ ފްލެޓްތަކެއް ޙަވާލުކޮށް އެތަންތަނުގައި މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ޙަވާލުވިއިރު މުޅި މަޝްރޫޢުގެ ފުރިހަމަކުރެވިފައިވަނީ އެންމެ %33 މަސައްކަތެވެ. ނަމަވެސް ފާއިތުވި 18 ވަރަކަށް މަސްދުވަހުން ކުރެވުނު މަސައްކަތުން އަމާން ދޯދީގެ ޓަވަރުތަކުގެ މަސައްކަތުގެ %96 އަދި އަމާން އުދަރެސް ޓަވަރުތަކުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބާކީ ކުރަން ހުރީ ޔޫޓިލިޓީ ޚިދުމަތްތަކުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތެވެ.