ޚަބަރު

އެމެރިކާގެ ޙަމަލާއަށް އެކަށީގެންވާ ރައްދެއް ދިނުމުގެ ޙައްޤު ލިބިގެންވޭ: އީރާން


އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ޙަމަލާގެ ބަދަލުގައި އެ ޤައުމަށް ފެންނަ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްޤު ލިބިގެންވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން، އެމެރިކާއިން ދިޔައީ އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާމެދު ވިސްނަމުންނެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް ދުނިޔޭގެ އެކި ބާރުތަކުން ދިޔައީ ގޮވައިލަމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށް، ޖޫން މަހުގެ 22ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވަނީ އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒަށް ބާރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފައެވެ.

ޙަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލު ކުރުމަށް އީރާނުން މަސައްކަތް ކުރި ކަމަށް މުޅި ދުނިޔެ ހެކިވާނެ ކަމަށެވެ. ނަމަވެސް އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުން އިސްވެ އީރާނާއި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ޙަމަލާ ދީފައިވާކަން ފާހަގަ ކުރައްވައި ޢަރާޤްޗީ ވިދާޅުވީ، އެ ފަދަ ޙާލަތެއްގައި ޤައުމު ދިފާޢު ކުރުމަށް އީރާނުން ކުރެވެންހުރި ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އެހެންކަމުން، އީރާނާ ދެކޮޅަށް ބަޔަކު ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނިކޮށް، އީރާނުން އަދިވެސް މަޝްވަރާގެ މަގުން ޙައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ދެކުމަކީ ބުއްދި ޤަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި ޔަހޫދީން ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުން، ދެން މަޝްވަރާގެ މަގުން ކުރިއަށް ދިޔުމަށް އޮތީ ކިހާ ވަރެއްގެ ޖާގައެއް ކަމެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަރާޤްޗީ އިތުރަށް ވިދާޅުވީ އެމެރިކާއަކީ މަޝްވަރާ ކޮށްގެން ކަންކަން ޙައްލު ކުރަން ދަންނަ ޤައުމެއް ނޫން ކަމަށާއި އެ ޤައުމަށް މުއާމަލާތު ކުރަން އެނގެނީ ހަމައެކަނި ބިރުދައްކައިގެންނާއި އިންޒާރު ދީގެން ކަމަށެވެ. އެއްވެސް ބައިނަލްއަޤްވާމީ ޤާނޫނަކަށް ޤަވާއިދަކަށް އެ ޤައުމުން އިޚްތިރާމު ނުކުރާ ކަމާއި އެ ފަދަ އެއްވެސް ޤާނޫނަކާއި ޤަވާއިދަކަށް އެމެރިކާއިން ޢަމަލު ނުކުރާނެ ކަން އެ ޤައުމުން ދައްކުވައިދީފައިވާ ކަމަށް ވެސް ޢަރާޤްޗީ ވިދާޅުވިއެވެ.

އީރާނުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ މުޢާހަދާ, އެންޕީޓީއަށް އިޝާރާތް ކުރައްވައި ޢަރާޤްޗީ ވިދާޅުވީ އެ މުއާހަދާގައި ސޮއި ކޮށްގެން އީރާނަށް އެއްވެސް ރައްކާތެރިކަމެއް ނުލިބުނު ކަމަށެވެ. ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިންއާ ބައްދަލު ކުރެއްވުމަށް ރަޝިޔާއަށް ވަޑައިގަންނަވާނެކަން އިޢުލާނު ކުރައްވަމުން ޢަރާޤްޗީ ވިދާޅުވީ ރަޝިޔާއަކީ އީރާނުގެ ރަޙުމަތްތެރި ޤައުމެއް ކަމަށާއި ދެ ޤައުމުގެ ދެމެދުގައި އޮންނަނީ މުހިންމު ގުޅުމެއް ކަމަށެވެ.

މިހާރު އޮތް ޙާލަތުގައި މަޝްވަރާއަށް ޖާގަ ނެތް ކަން ފާހަގަ ކުރައްވަމުން ޢަރާޤްޗީ ވިދާޅުވީ ޞުލްޙަވެރިކަމާއެކު މައްސަލައަށް ޙައްލެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނީ އީރާނާ ދެކޮޅަށް ދޭ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމުން ކަަމަށެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ޙަމަލާގެ ބަދަލު ދެވޭނެ ގިނަ ގޮތްތައް އީރާނަށް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޙަމަލާއާ ގުޅިގެން އީރާނުގެ އިންޤިލާބީ ފައުޖުން ވެސް ވަނީ ޢުދުވާނީ ޙަމަލާ ކުށްވެރި ކޮށް، އެ ޙަމަލާގެ ރައްދު ހީ ވެސް ނުކުރާ ފަދަ ގޮތަކަށް އީރާނުން ދޭނެ ކަމަށް ބުނެފައެވެ. އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންނާއެކު ގާތުން މަސައްްކަތް ކޮށް އެެމެރިކާއިން އީރާނުގެ ސުލްޙަވެރި ނިއުލްލިޔަރ މަރުކަޒުތަކަށް އަސްކަރީ އަދި ޤާނޫނާ ޚިލާުފު ޙަމަލާއެއް ދީފައިވާ ކަމަށެވެ. އެމެރިކާގެ ޢަމަލަކީ އދގެ އާއްމު ޤަރާރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެންޕީޓީ މުއާހަދާއާއި މިނިވަން އިސްތިޤުލާލު ޤައުމަކަށް އިޚްތިރާމު ކުރުމުގެ އުސޫލުތަކާ ޚިލާފު ޢަމަލެއް ކަމަށް ވެސް އިންޤިލާބީ ފައުޖުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޤިލާބީ ފައުޖުން އިތުރަށް ބުނީ ޔަހޫދީން އީރާނަށް ދިން ޙަމަލާ ރާވަން ފެށި ހިސާބުން ފެށިގެން ޙަމަލާ ދިނުމާ ހަމައަށް ވެސް އެމެރިކާއިން ދިޔައީ ޔަހޫދީންނަށް އެހީތެރިވެ އެއްބާރުލުން ދެމުން ކަމަށެވެ. އެމެރިކާއިން އީރާނަށް ބޮން އެޅުމުން ޔަހޫދީންނާއި އެމެރިކާއާ ދެ ބައި މީހުންގެ ކިބައިގައި ވެސް ކަންކަން ބަދަލު ކުރުމުގެ ޤާބިލިއްޔަތުކަމާއި އީރާނުން ދޭ ރައްދަކަށް ކުރިމަތިލުމުގެ ޤާބިލުކަން ނެތް ކަން ހާމަވެގެން ގޮސްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު އެމެރިކާގެ ސިޔާސަތުތައް މެދުއިރުމަތީގައި ތަކުރާރު ކޮށް ނާކާމިޔާބުވަމުން ދިޔުމަކީ އެ ޤައުމަށް އެ ސަރަޙައްދުގައި ކަންކުރާނެ ގޮތް ނޭނގޭތީ މެދުވެރިވާ ގޮތް ކަމަށް ވެސް އިންޤިލާބީ ފައުޖުން ބުނެފައިވެއެވެ. މާޒީގައި ކުރިމަތިވި ގޮންޖެހުންތަކުން ފިލާވަޅު ލިބިނުގަނެ، ޞުލްޙަވެރި މަރުކަޒުތަކަކަށް ޙަމަލާ ދިނުމުން ޢުދުވާން ހިންގުމުގެ މޭސްތިރިއަކީ އެމެރިކާ ކަން ހާމަވާ ކަމަށް އިންޤިލާބީ ފައުޖުން ވަނީ ބުނެފައެވެ.

އީރާނުގެ އިންޤިލަބީ ފައުޖުން ބުނީ އީރާނަށް ޙަމަލާ ދިން އެމެރިކާގެ ޖެޓުތައް ދަތުރަށް ފުރާފައި ވަނީ ކޮން އަސްކަރީ މަރުކަޒުތަކަކުން ކަން ދެނެގަނެފައިވާ ކަމަށެވެ. އަދި އެ ސަރަޙައްދުތައް އީރާނުން ފާރަލަމުންދާ ކަމަށެވެ. މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ޢަދަދު ގިނަވުމާއި ބޮޑުވުމާއި ބެހިފައިވާ ގޮތަކީ މި ޙާލަތުގައި އެމެރިކާއަށް ލިބޭ ބާރެއް ނޫން ކަމަށާއި އެއީ ބަލި ފައެއް ކަމަށް ވެސް ބުނެފައިވެއެވެ. ބަޔަކު ދޭ ޙަމަލާތަކުން އީރާނުގެ ޞުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢު ނައްތާ ނުލެވޭނެ ކަމަށާއި، އެ މަޝްރޫޢުއާ ދެކޮޅަށް ދޭ ޙަމަލާއަކީ އެ މަސައްކަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް އީރާނުގެ ޒުވާން ސައިންސުވެރިންނަށް ލިބޭ އައު ހިތްވަރެއްގެ ގޮތުގައި ވެސް އިންޤިލާބީ ފައުޖުން ސިފަ ކޮށްފައިވެއެެވެ. އަދި ޔަހޫދީންގެ ޙަމަލާގެ ރައްދެއްގެ ގޮތުން ފަށާފައިވާ އަސްކަރީ ޙަރަކާތް، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3، އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމާ ގުޅިގެން އެޓޮމިކް އެނަރޖީ އޯގަނައިސޭޝަން އޮފް އީރާން، އޭއީއޯއައިއިން ވަނީ އެމެރިކާގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. އެ އިދާރާއިން ބުނީ އެމެރިކާއިން ޙަމަލާދީފައިވާ ތިން ނިއުކްލިޔަރ މަރުކަޒަކީ ވެސް އެންޕީޓީގެ ދަށުން އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ، އައިއޭއީއޭއިން ޤަވާއިދުން ބަލާފާސް ކުރަމުންދާ މަރުކަޒުތަކެއް ކަމަށެވެ. އެހެންކަމުން އެމެރިކާއިން އެ މަރުކަޒުތަކަށް ޙަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެ އިދާރާއިން ފާހަގަ ކޮށްފައިވެއެވެ. އެމެރިކާއިން އެ މަރުކަޒުތަކަށް ޙަމަލާ ދީފައި ވަނީ އައިއޭއީއޭގެ ބައިވެރިވުމާއެކުގައި ކަމަށް އެ އިދާރާއިން ތުހުމަތު ކޮށްފައިވެއެވެ.