ބާސެލޯނާއަށް ދާދި ފަހުން ބަދަލުވި ގޯލްކީޕަރު ޖޯން ގާސިއާ ސްޕެއިންގެ ގައުމީ ޓީމަށް ނަގާނެކަމުގެ އިޝާރާތެއް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ދީފިއެވެ.
ގައުމީ ކޯޗު ބުނީ އެސްޕަނިޔޯލް ދޫކޮށް ހުސްވި ހަފުތާގައި ބާސެލޯނާ އަށް ބަދަލުވި ގާސިއާ އަކީ ސްޕޭނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭނާ ކޯޗުކޮށްދީފައިވާ ކުޅުންތެރިއެއް ކަމަށެވެ.
"އެހެންވީމާ އޭނާ އަހަރެން ދަންނަން ވަރަށް ކުރިއްސުރެ. އޭނާ އަކީ އަންޑަރ 21 ގައުމީ ޓީމުގައި ވެސް ވަރަށް ރަނގަޅަށް ކުޅުނު ކުޅުންތެރިއެއް. އޭނާ ބާސެލޯނާގައި ކުޅޭނަމަ ޔަގީނުން ވެސް ގައުމީ ޓީމަށް ގޮވާލާނަން،" ކޯޗު ބުންޏެވެ.
ނަމަވެސް ޔޫރަޕުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުނީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުން ތިބީ ސްޕޭނުގައި ކަމަށެވެ. މިހެންވެ ސްޕޭނުގެ ގައުމީ ޓީމުގައި ކުޅެން ބޭނުންވާ ނަމަ ގާސިއާ ވެސް ކުލަބުގައި މޮޅަށް ކުޅެން ޖެހޭނެ ކަމަށެވެ.
"އަހަރެން ވަރަށް ސާފުކޮށް މި ބުނަނީ އޭނާ އަށް ގައުމީ ޓީމުން ފުރުސަތު އޮންނާނެ ފިޓްކޮށް ހުންނަ ކަމުގައިވާ ނަމަ. އެކަމަކު ސްޕޭނުގެ ގައުމީ ޓީމަށް އަރަން މަސައްކަތްތަކެއް ކުރަން ޖެހޭނެ. އޭނާ އަކީ މޮޅު ކީޕަރެއް. އެކަމަކު ގައުމީ ޓީމުގައި މޮޅު ކީޕަރުން މިހާރު ވެސް އެބަތިބި. އެހެންވީމާ ޖެހޭނީ މަސައްކަތް ކުރަން،" ކޯޗު ބުންޏެވެ.
އުމުރުން މިހާރު 24 އަހަރުގެ ޖޯން ގާސިއާ އަށް ބާސެލޯނާގެ އެއްވަނަ ކީޕަރުކަން ހޯދުމުގައި ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. އޭނާ އެސްޕަނިޔޯލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވީ އެ ކުލަބުގައި ތިބި ތަޖުރިބާކާރު ދެ ކީޕަރުންނަށް ވުރެ އިސްކަންދޭނެ ކަމުގެ ޔަގީންކަން ކުލަބުން ދިނުމުންނެވެ.
ނަމަވެސް ކެޕްޓަން އަދި ޖަރުމަނުގެ ގައުމީ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އާއި ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮޝްނިއާ ޝެޒްނީ ތިއްބައި ފުރަތަމަ 11 އިން ޖާގަ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޖޯން ގާސިއާ އަކީ ހުސްވި ސީޒަނުގައި ސްޕޭނިޝް ލީގުގައި އެންމެ މޮޅަށް ކުޅުނު ގޯލްކީޕަރެވެ. އޭނާގެ ސޮއި ބާސެލޯނާއިން ހޯދީ އިނގިރޭސި ޕްރެމިއާ ލީގުގެ ގިނަ ކުލަބުތަކަކުން ވެސް އެކަމަށް މަސައްކަތް ކުރަނިކޮށެވެ.