ޚަބަރު

ސީއެންއެންގެ ބާނީ ޓެޑް ޓާނަރ 87އަހަރުގައި އަވަހާރަވެއްޖެ


ސީއެންއެން ނިއުސް ނެޓްވޯކްގެ ބާނީ ޓެޑް ޓާނަރ އަވަހާރަވެއްޖެއެވެ.

ޓާނަރ އަވަހާރަވީރު އުމުރުފުޅަކީ 87 އަހަރެވެ. އޭނާ މަރުވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޓާނަރ ވަނީ އޭނާއަށް ނާރުގެ ބައްޔެއް ކަމަށްވާ ލިއުވީ ބޮޑީ ޑިމެންޓިއާ ޖެހިފައިވާ ކަމަށް ހާމަކޮށްފައެވެ.

1938ވަނަ އަހަރުއެމެރިކާގެ ސިންސިނާތީއަށް އުފަންވެވަޑައިގެންނެވި ޓާނަރ ޅަފަތުގެ ދުވަސްވަރު ވަނީ އެމެރިކާގެ ދެކުނުގެ ސަރަޙައްދަކަށް ހިޖުރަކުރައްވައިފައެވެ. އޭނާ ވަނީ އަސްކަރީ މަދަރުސާއަށް ހާޒިރުވެ، ބަހުޘްކުރުން ފަދަ ދާއިރާތަކުގައި ފިޔަަޖަހާލައިފައެވެ. ދުވަސްކޮޅެއް ވަންދެން ބްރައުން ޔުނިވަސިޓީގައި އޭނާ ތަޢުލީމު ހާޞިލް ކުރެއްވި ނަމަވެސް އެ ޔުނިވަސިޓީން ދަސްވެނިވެފައެއް ނުވެއެވެ.

ޓާނަރއަށް ބިލިއަނަރެއްގެ ލަޤަބު ލިބިވަޑައިގަތީ އޭނާގެ ބައްޕާފުޅު ނިޔާވުމުން ބައްޕާފުޅުގެ ބިލްބޯޑު ވިޔަފާރިއާ ޙަވާލުވުމަށް ފަހުގައެވެ. އޭނާ ފަހުން ވަނީ ޓީވީގެ ދާއިރާއަށް ވިޔަފާރި ފުޅާ ކުރައްވައިފައެވެ. 1970ވަނަ އަހަރު އޭނާ ވަނީ އެޓްލާންޓާގެ ނާކާމިޔާބު ޓީވީ ސްޓޭޝަނެއް ގަނެ، ސެޓެލައިޓް ޑިސްޓްރިބިއުޝަން މެދުވެރިކޮށް އެ ސްޓޭޝަން ކާމިޔާބު ސްޓޭޝަނަކަށް ހައްަދަވައިފައެވެ.

ޓާނާރ ސީއެންއެން އުފެއްދެވީ 1980ވަނަ އަހަރުއެވެ. ސީއެންއެންއަކީ 24 ގަޑިއިރު ދައްކަން ފެށި ދުނިޔޭގެ ފުރަތަމަ ޚަބަރު ޗެނަލްއެވެ. ސީއެންއެންއާއެކު އޭނާ ވަނީ މީޑިޔާގެ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެންނަވައިފައެވެ. އޭނާ ފަހުން ވަނީ މީޑިޔާގެ އިތުރު ދާއިރާތަކަށް ވިޔަފާރި ފުޅާކުރައްވައި ކުޅިވަރުގެ ދާއިރާއާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ވެސް އޭނާގެ ވިޔަފާރި ވައްދަވާފައެވެ. 1996ވަނަ އަހަރު އޭނާގެ ޓާނަރ ބްރޯޑްކާސްޓިންގ ސިސްޓަމް ވަނީ ޓައިމް ވާނާއާ އެއްކޮށްލައިފައެވެ.

ޓާނާރ އަކީ ގިނަ ދާއިރާތަކުން ދީލަތި އެހީތައް ފޯރުކޮށްދެއްވަމުން ދިޔަ ބޭފުޅެކެވެ. 1997ގައި އޭނާ ވަނީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތަކަށް އެހީތެރިވުމަށް އދއަށް އެއް ބިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވައިފައެވެ. އޭނާ ވަނީ އެއީ އޭނާ މިހާތަނަށް ކޮށްފައިވާ އެންމެ މުހިންމު އިންވެސްޓްމަންޓުގެ ގޮތުގައި ސިފަކުރައްވައިފައެވެ. ތިމާވެށީގެ ދާއިރާއިން އެކި ޖަމްޢިއްޔާތަކަށް އޭނާ އެހީތައް ދެއްވާފައިވެއެވެ.