ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓާ ބޭނުން ކުރަން ފަށައިފިއެވެ.
ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އެއް އަމާޒެވެ. އެގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހުންނަ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން 2 ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމްކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައެވެ.
އެމްޑަބްލިއުއެސްސީން މިހާރު ވަނީ މާލޭގައި ދުވާލެއްގެ މައްޗަށް 1000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރްއޯ ޕްލާންޓެއް ބަހައްޓާ އިންސްޓޯލްކޮށްފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެމްޑަބްލިއުއެސްސީން ވިދާޅުވީ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ބެހެއްޓި އާރްއޯ ޕްލާންޓާއެކު މިހާރު މާލޭގައި ދުވާލެއްގެ މައްޗަށް 28،000 ޓަނުގެ ފެން އުފެއްދޭނެކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންކަމަށެވެ.އަދި އަލަށް ބެހެއްޓި އާރްއީ ޕްލާންޓްއަކީ މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ.
"މާލޭގައި ވޯޓަރ ސެކިއުރިޓީ ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ކުރިންވެސް ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް 1000 ޓަނުގެ ޕްލާންޓް މި ބެހެއްޓީ." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އޭގެ ތެރޭގައި ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތާ ގުޅޭގޮތުން މަތީން ވިދާޅުވީ މާލެ-ހުޅުމާލޭ ފެނުގެ ވިއުގަ ވަގުތީ ގޮތުން ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި އަމާޒަކީ މިއހަރުގެ ތެރޭގައި ދާއިމީކޮށް ބޭނުން ކުރަން ފެށުންކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ ދާއިމީ ގޮތެއްގައި މި ނިޒާމް ބޭނުން ކުރަން ފެށުމާއެކު ދުވާލެއްގެ މައްޗަށް 20،000 ޓަނުގެ ފެން އުފުލޭނެކަކަމަށެވެ.
މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގު މަސައްކަތްވެސް އެމްޑަބްލިއުއެސްސީންދަނީ ކުރަމުންނެވެ.