ޚަބަރު

އައު ޓަރމިނަލް ނިންމުމަށް ބޭނުންވާ އެންމެހާ ކަންކަން ރައީސް ގެންދެވީ ހަމަޖައްސަވައިދެއްވަމުން: ސީއީއޯ ޝަރީފް


  • ޓަރިނަލް ހުޅުވުމަށް ނިންމާފަވަނީ ޖުލައި 26ގައި

  • މިއީ 7 މިލިއަން މީހުންނަށް އަހަރަކު ޚިދުމަތް ދެވޭ ފެންވަރުގެ ޓަރމިނަލެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް ކުރިއަށްގެންދިއުމަށް ކެނޑިނޭޅި ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުންދާކަމަށާއި، އެކަމަށް ބޭނުންވާ މާލީ އަދި ެހެނިހެން ކަންކަން އެއްވެސް ދަތިކަމެއް ނެތި ހަމަޖައްސަވައިދެއްވަމުން ގެންދަވާކަމަށް އެމްއޭސީއެލްގެ ސީއީއޯ އިބްރާޙިމް ޝަރީފް އަޙުމަދު ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، ގުޅުން ބަދަހިކުރުމަށް މީޑިއާތަކާއެކު ބޭއްވި އިވެންޓެއްގައެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާޙިމް ޝަރީފް އަޙުމަދު ވިދާޅުވީ ޓަރމިނަލްގެ މަސައްކަތް ފެށިތާ 8 އަހަރުވެގެންދިޔައިރު، އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޓަރމިނަލްގައި ނިމިފައި ވަނީ %54 މަސައްކަތްކަމަށެވެ.

މަސައްކަތް ދިޔައީ ލަސްކޮށްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ފުރަތަމަ ދުވަހުން ފެއްޓަވައިގެންވެސް އިރުޝާދު ދެއްވަމުން ގެންދެވީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހޭނީ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށްގެންކަމަށެވެ. ސަރުކާރު ހަވާލުވިއިރު ފިނިހަކަ ދުވެލީގައި އޮތް އެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެމްއޭސީއެލްއާއި ކޮންޓްރެކްޓަރ އަދި ކަމާގުޅުހުންހުރި ހުރާ ފަރާތްތައް ގުޅިގެން މި ޢާމާޒަތް މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"އިޤްތިޞާދު ކޮޅަށް ޖަހަން، ޓަރމިނަލް ނިންމުމަކީ ކުރަން މަޖުބޫރުވެފައިވާ މަސައްކަތެއްކަމަށް ރައީސް ދެކެވަޑައިގަންނަވަނީ. މިއީ އިތުރު އޮޕްޝަނެއް ކަމެއް ނޫން. މަސައްކަތް ފުރިހަމައަށް ބައްލަވާ އިރުޝާދު ދެއްވަމުންދާއިރު، މަސައްކަތް އަވަށް ނިންމުމަށް ބޭނުންވާ ފައިނޭސް އަދި ރިސޯސް ދަނީ ހަމަޖައްސަވައިދެއްވަމުން" އެމްއޭސީއެލްގެ ސީއިއޯ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ޕީކް ސީޒަންގައި އެންމެ ގިނައިން މީހުން ދަތުރުކުރި ދުވަހު، އެރައިވަލް އަދި ޑިޕަރޗާ ހިމެނޭހެން 23000 ޕަސެންޖަރުން ޓަރމިނަލް ބޭނުންކުރިކަމަށެވެ. އަންނަ ޕީކް ސީޒަންގެ ކުރިން، މިހާރު މިހުރި ދަތިތަކަށް ޙައްލު ލިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ކުރިން ނިންމާފައި އޮތީ ޓަރމިނަލް އަންނަ އޮކްޓޯބަރު މަހު ހުޅުވުމަށް ނަމަވެސް، ސަރުކާރުން މިހާރުވަނީ މި މަސައްކަތް އަވަސްކޮށް، ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާގަގަކުރާ ޖުލައި މަހުގެ 26ވަނަ ދުވަހު އައު ޓަރމިނަލް ހުޅުވުމަށް ނިންމާފައެވެ.

ޓަރމިނަލްގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން އެތަނަށް ޒިޔާރަތްކުރައްވާ ސައިޓްގެ މަސައްކަތްތައް ބައްލަވައި، ކޮންޓްރެކްޓަރުންނާ ބައްދަލުކުރައްވާ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރައްވައެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭސް، އެއްވެސް ދަތިކަމެއް ނެތި ލިބޭކަން ދަނީ ކަށަވަރުކުރައްވަމުންނެވެ.
މި ޓަރމިނަލް ވެގެންދާނީ އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ޚިދުމަތްދޭ ޓަރމިނަލަކަށެވެ.

ޓަރމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެތެރެއިން މުވައްޒަފުން ތަމްރީންކުރުމާއި އެއަރޕޯޓް ސަރަޙައްދަށް ގެންނަންޖެހޭ ބަދަލުތައް ދަނީ ގެންނަމުންނެވެ. އަދި އާ ޓަރމިނަލަށް ބޭނުންވާ ޔުޓިލިޓީގެ ޚިދުމަތްތައްވެސް ދަނީ ގުޅަމުންނެވެ.

ވީއައިއޭގެ އާ ޕެސެންޖަރ ޓަރމިނަލަކީ އަހަރަކު 7 މިލިއަން މީހުންނަށް ޚިދުމަތްދެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ. މިހާރު ބޭނުންކުރާ ޓަރމިނަލް އެއީ އަހަރަކު 1.5 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ.
އަލަށް ތަރައްގީކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ 78000 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.