ޚަބަރު

ފަސޭހަކަމާއެކު އަލް އައިން ބަލިކޮށް ސިޓީ ދެވަނަ ބުރަށް


ފީފާ ކުލަބު ވޯލްޑް ކަޕުގައި މިއަދު ޔޫއޭއީގެ އަލް އައިން އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

މި މެޗުން މޮޅުވުމާއެކު ސިޓީއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ގްރޫޕް ޖީގެ އެއްވަނައިގައި އޮތް ޔުވެންޓަސްއަށްވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމަށްވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ މޮރޮކޯގެ ވިދާދް ކަސަބްލަންކާ އާއި އަލް އައިންއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މަސެޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާންއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ކްލައުޑިއޯ އެޗެވެރީ ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ގުންޑޮގާންއެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި އޮސްކާ ބޮބް ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހައިދިނީ ރަޔާން ޗާކީއެވެ.

މި ނަތީޖާއާއެކު ސިޓީ އާއި ޔުވެންޓަސް ދެވަނަ ބުރަށް ކޮލިފައިވެފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި ދެ ޓީމު ބައްދަލުކުރާނީ ގްރޫޕްގެ އެއްވަނަ ޓީމު ކަނޑައެޅުމަށެވެ. މި ވަގުތު ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ޔުވެންޓަސްއެވެ.