ޚަބަރު

ތެލުގެ އަގު ބޮޑުވެދާނެތީ ޓްރަމްޕް ކަންބޮޑުވެއްޖެ


އެމެރިކާގެ ކުންފުނިތަކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކޮށް ތެލުގެ އަގުތައް ބޮޑުވިޔަ ނުދީ ހިފަހައްޓާލުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ. ޓްރަމްޕް އެ ގޮތަށް އެދިވަޑައިގެންފައި ވަނީ ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމާ ގުޅިގެން ތެލުގެ އަގު އުފުލިގެންދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ.

އެމެރިކާގެ ހަކަތައާބެހޭ އިދާރާއާ މުޚާތަބު ކުރައްވައި ޓްރަމްޕް ވަނީ ތެޔޮ ހޯދުމަށް ތޮރުފާ މިންވަރު މިހާރުން މިހާރަށް އިތުރު ކުރުމަށް ގޮވާލައްވައިފައެވެ. ޓްރަމްޕް މި މޭރުމުން އެ އިދާރާއަށް ހިތްވަރު ދެއްވާފައިވާ އިރު، އެމެރިކާގެ ޙަމަލާއަށް ފަހު ތެޔޮ ލިބުމުގައި މާ ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށް ފާހަގަވެފައެެއް ނުވެއެވެ.

ޓްރަމްޕް ވަނީ ތެލުގެ ވިޔަފާރިކުރާ ކުންފިނުތަކުން ތެލުގެ އަގު އުފުލުނަ ނުދިނުމަށް ވެސް ގޮވާލައްވައިފައެވެ. ޙާލަތު ގާތުން ބައްލަވަމުންދާ ކަމަށް ހާމަ ކުރައްވައި، ޓްރަމްޕް އިތުރަށް ވިދާޅުވީ މި ޙާލަތުގައި ތެލުގެ އަގު ބޮޑު ކޮށްފިނަމަ ދުޝްމަނުންގެ މަޅީގައި ޖެހެވުނީ ކަމަށެވެ.

ތެޔޮ ހޯދުމަށް ތޮރުފާ މިންވަރު އިތުރު ކުރުމަށް ގޮވާލައްވައި ޓްރަމްޕް ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ހަކަތައާބެހޭ ވަޒީރު، ކްރިސް ރައިޓް ވަނީ ޓްރަމްޕްގެ އެނގެވުމާ އެއްގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ތެޔޮ ހޯދުމަށް ތޮރުފާ މިންވަރަށް ބަދަލު ގެނައުމަށް ހަކަތައާބެހޭ އިދާރާއަށް ކުރެވޭނީ ކޮންކަމަކާމެދުތޯ ސުވާލު އުފެދެއެވެ. އެމެރިކާއަކީ އެންމެ ގިނަ ޢަދަދަކަށް ތެލާއި ގޭސް އުފައްދާ ޤައުމަށް ވާއިރު، ތެޔޮ ހޯދުމަށް ތޮރުފުމާ ގުޅޭ ނިންމުންތައް ނިންމަނީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކުންނެވެ.

އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމާއެކު ބްރެންޓް ތެޔޮ ވިއްކާ އަގަށް ވަނީ ލޮޅުން އައިސްފައެވެ. ނަމަވެސް ޓޭންކަރުތަކުގައި ތެލާއި ގޭސް އަދި ވެސް ދަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފޮނުވައިދެމުންނެވެ. އެއާއެކު ހަމަ އެ ދުވަހު ހަ އިންސައްތައަށް އުފުލުނު ތެލުގެ އަގު ފަހުން ވަނީ 3 އިންސައްތައަށް ދަށަށް ގޮސްފައެވެ.