ޚަބަރު

ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ


  • މިޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ލިބޭނެ

  • ފުރަތަމަ އަފްތާގައި ދަތުރުތައް ކުރިއަށް ގެންދާނީ ހިލޭ

  • ޓިކެޓް ނަގައިގެން ދަތުރުތައް ކުރަން ފަށާނީ 3 ޖުލައިން ފެށިގެން

ރާއްޖެ ޓްރާންސްޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް ރ.އަތޮޅުގައި މާދަމާ ފެށުމަށް ތައްޔާރުވެފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާން ވިދާޅުވީ ފުރަތަމަ އަފްތާގައި ދަތުރުތައް ކުރިއަށް ގެންދާނީ ހިލޭކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2ގައި ހިމެނޭ ރ.އަތޮޅުގައި ރާއްޖެ ޓްރާންސްޓް ލިންކް، އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިޚިދުމަތަށް ރައްޔިތުންނަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހިލޭ ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ރ.އަތޮޅުގައި މާދަމާ އާރްޓީއެލްގެ ދަތުރުތައް ފެށުމަށްފަހު ޖުލައި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަތަކަށް އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2ގައި ހިމެނޭ ޅ. އަތޮލާއި، ނ. އަތޮޅުގައި މިހާރުވެސް އަންނަނީ މިޚިދުމަތް ފޯރުކޮށްދެމުންނެވެ. ރ.އަތޮޅުގައި މިޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ކުރިއަށް ދާނެއެވެ. މިއީ ރާއްޖޭގެ ރަށްރަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

އެންމެ ފަހުން މި ޚިދުމަތް ފެށީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައެވެ. އެގޮތުން މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުންވަނީ ގުޅާލާފައެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިމަޝްރޫޢު ކުރިއަށް ގެންދަނީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.