މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުއެވެ. އޭނާ ފެނިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ 3 މީހަކާއި 3 ބިދޭސީންނެވެ. ތިން ބިދޭސީންނަކީވެސް ބަންގުލަދޭޝް އަށް ނިސްބަތްވާ 3މީހުންނެވެ.
މިއުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
މިހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.