ޚަބަރު

ޓެރިފް ކަނޑާލުމަކީ ސިނާޢަތަށް ލިބުނު ކުރިއެރުމެއް: މަސް އެކްސްޕޯޓަރުން


  • އެމްއެސްޕީއީއޭއިން ވަނީ އިނގިރޭސި ސަރުކާރުގެ ނިންމުމަށް މަރުޙަބާ ކިޔާފައި

  • ނިންމުން ދައިމީ ކުރުމަށް މަސައްކަތް ކޮށްދެވުމަށް ގޮވާލެއްވި

އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހަށް ޓެރިފް ކަނޑާލުމަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމެއް ކަމަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތަކުގެ އެކްސްޕޯޓަރުންގެ ޖަމީއްޔާއިން ބުނެފިއެވެ.

އެޖަމީއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ ނިންމުމަށް ވަނީ މަރުޙަބާ ކިޔާފައެވެ. އިނގިރޭސިވިލާތުން އެޅި ޓެރިފް ކަނޑާލުމުގެ ފިޔަވަޅުތަކުން ފައިދާލިބޭ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތެރެކުރާ މުދަލުގެ ތެރޭގައި ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ހިމެނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމެވި ނިންމެވުމަށް އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް އެޖަމީއްޔާއިން ބުންޏެވެ.

އިނގިރޭސިވިލާތުން މި ބަދަލު ގެނައީ، ގިނަ ބާވަތްތަކެއްގެ މުދާ އެތެރެކުރުމުގެ ޚަރަދު ކުޑަކޮށްދީ، ސަޕްލައި ޗެއިންތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަދި އަގުހެޔޮވުމާއި އެތެރެކުރާ މުދާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީގެން ކޮންސިއުމަރުންނަށް ފައިދާ ހޯދައިދިނުމަށް ކަމަށް އެޖަމީއްޔާއިން ފާހަގަކުރިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް މީގެ ތެރޭގައި ހިމެނުމުން މަސްވެރިކަމުގެ ދައިރާއަށް މިއީ ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެޖަމިއްޔާއިން ބުނިއެވެ.

އިނގިރޭސި ސަރުކާރުން، ޓެރިފް މެދުކަނޑާލަން ނިންމާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެކްސްޕޯޓަރުންގެ ޖަމީއްޔާއިން ވަނީ ސަރުކާރުން މިއީ ދިގުދެމިގެންދާ ދައިމީ ނިންމުމެއްކަން ކަށަވަރުކުރުމަށް މެދުނުކެނޑި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ. އަދި މިއީ އިނގިރޭސި ބާޒާރަށް، މަހުގެ އުފެއްދުންތައް ބޭރުކުރާ އެކްސްޕޯޓަރުންނަށް ހަމަޖެހޭ، އިތުބާރު އޮތް ބާޒާރެއް ޤާއިމުކޮށް މުސްތަޤުބަލު ބިނާކުރަން ފަސޭހަ މާހައުލެއް ހޯދުމަށް ކޮންމެހެންވެސް ކަށަވަރުކުރަން ޖެހޭ ކަމެއްކަން އެމްއެސްޕީއީއޭއިން ފާހަގަކުރެއެވެ.

ޖަމީއްޔާގެ ބަޔާން ނިންމާލާފައިވަނީ، ސަރުކާރުން ބައިނަލްއަގްވާމީ މައިދާނުގައި ގުޅުންތައް ބަދަހިކޮށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ކުރިއެރުންތަކެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަމުންނެވެ. އެގޮތުން މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ކުރައްވާ މަސައްކަތް އެޖަމީއްޔާއިން ވަނީ ފާހަކޮށްފައެވެ. އެ ޖަމީއްޔާއިން ވަނީ ދިވެހި މަސްވެރިކަމުގެ ސިނާޢާތަށް މި ނަތީޖާ ހޯދުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.