ޚަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި


  • މިމައްސަލާގައި 18 އަހަރުގެ ޒުވާނެއް ވަނީ ހައްޔަރުކޮށްފައި

  • ސައިކަލު ދުއްވި މީހާ އަތުގައި ލައިސެންސް ނެތް

ބާރަށް ދުއްވާފައި ގޮސް ވެހިކަލް ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި، އުމުރުން 18 އަހަރުގެ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާގައި ފުލުސް މީހާއަށް އަނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޔޫނުސް އަތުގައި ދުއްވުމުގެ ލައިސެންސް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.