ކުޅިވަރު

ވީނީޝިއުސް އާއި އެމްބާޕޭ ބޯޅަ ނެތި ކުރާ މަސައްކަތް އިތުރު ކުރަން ޖެހޭ: އަލޮންސޯ


ދެ ފޯވަޑުން ކަމަށްވާ ވިނީޝިއުސް އާއި ކީލިއަން އެމްބާޕޭ ބޯޅަ ނެތީސް ކުރާ މަސައްކަތް ކުރަން އިތުރު ކުރަން ޖެހޭ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ރެޑްބުލް ސަލްސްބާގާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ ރެއާލް މެޑްރިޑުގެ ކުޅުން ބަދަލު ކުރުމަށް އޭނާ ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"އަހަރުމެންގެ 11 ކުޅުންތެރިން ވެސް ޑިފެންސް ކުރަން ޖެހޭ. ހަމަމިއާއެކު އަހަރުމެންގެ 11 ކުޅުންތެރިން ވެސް އެޓޭކްގައި ބައިވެރިވާން ޖެހޭ. އެ ދެ ކުޅުންތެރިން ވެސް އެބަޖެހޭ ދަސް ކުރަން އަހަރުމެން ކުޅެން މި އުޅޭ ގޮތް. އަހަރުމެން ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެން ބައިވެރިވާން ޖެހޭ. ވިނީޝިއުސް ވެސް، ޖޫޑް ބެލިންހަމް ވެސް އަދި ފޭޑް ވަލްވާޑޭ އާއި ކީލިއަން ވެސް އެބަ ޖެހޭ ބައިވެރިވާން،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ރެއާލް މެޑްރިޑުގެ ޑިފެންސް ލައިނުގެ ކުޅުންތެރިން ތިބެން ޖެހޭނީ ހުސްތަންތަން ވަރަށް ރަނގަޅަށް ކަވަރުކޮށްގެން ކަމަށާއި އެކަމަށް މުޅި ޓީމުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
އޭނާ އަދި ބުނީ އޭނާގެ ކޯޗުކަމުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުގައި ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯ އަށް ފުރަތަމަ 11އިން ޖާގަ ނުލިބުނީ ޓެކްނިކަލް ބަދަލަކާ ހެދި ކަމަށެވެ. މީގެ މާނައަކީ އަބަދު ރޮޑްރީގޯ އަކީ ބެންޗުގައި އިންނާނެ ކުޅުންތެރިއަކަށް ވުން ނޫން ކަމަށެވެ.

އަލޮންސޯ ބުނީ ކުލަބު ވޯލްޑް ކަޕުގައި ޔޫރަޕުގެ ޓީމުތަކާއި ދެކުނު އެމެރިކާގެ ޓީމުތަކުގެ ވާދަވެރިކަން ފެނިގެންދިއުމަކީ މުޅި ޔޫރަޕުގެ ފުޓްބޯޅަ އަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"އަހަރުމެންގެ ވާދަވެރިން އަހަރުމެންނާ ވާދަކުރުމަކީ ޔޫރަޕުގެ ފުޓްބޯޅަ އަށް ލިބޭ ރަނގަޅެއް. އަހަރުމެންނަށް ނުފެންނަ ކަންކަން މިހާރު ފެނިގެން އެބަދެ. އެމީހުންގެ ފުށުން ކަންތައްތަކެއް އަހަރުމެންނަށް ދަސްވުމަކީ މުހިންމު ކަމެއް،" އޭނާ ބުންޏެވެ.