އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ހުޅުވާލައިގެން ބާއްވާ ދ. މާއެނބޫދޫ ކައުންސިލްގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން މާއެނބޫދޫގެ ޒުވާނުންނަށާއި އަދި ކުޅިވަރަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާ މުބާރާތަކަށްވާއިރު މިދިޔަ އަހަރުވެސް މިމުބާރާތްވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.
މިފަދަ މުބާރާތެއް ރަށުގައި ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މާއެނބޫދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތައްކަން ޤާއިމުކުރުމާއި، ފުޓްސަލް ކުޅުމަށް ލޯބިކުރާ ޒުވާނުންނަށް އެފުރުޞަތު ހޯދައި ދިނުމާއި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި ދ. މާއެނބޫދޫއިން ހުނަރުވެރި މޮޅު ކުޅުންތެރިން އުފެއްދުންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މިއީ ކައުންސިލުން މިގޮތަށް ބާއްވާ ތިންވަނަ މުބާރާތެވެ. މިމުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު، މި މުބާރާތް ކުރިއަށްދާނީ ކޮންމެ ޑިވިޝަނަކުން މަދުވެގެން 3 ޓީމު ބައިވެރިވާނަމައެވެ. އަދި ކޮންމެ ޑިވިޝަނަކުންވެސް ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ބައިވެރިވާ 12 ޓީމަށެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް -/15000 (ފަނަރަހާސް ރުފިޔާ) އަދި ރަނައަޕް ޓީމަށް -/7000 (ހަތްހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީމުތައް ރަޖިސްޓްރީކުމުގެ ފުރުޞަތު ޖުލައި 03 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށްވަނީ ހުޅުވިފައެވެ. އަދި ޓީމުތަކުގެ ލިސްޓް ހުށަހެޅުން 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.
ފާއިތުވެ ދިޔަ އަހަރު ކުރިއަށްދިޔަ ދ. މާއެނބޫދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖީޓީ ސްޓާރސްއެވެ. އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަޔާން މަނިކުންނެވެ. އެއަހަރު މިމުބާރާތުގައި ޖުމްލަ 13 ޓީމަކުންވަނީ ވާދަކޮށްފައެވެ.