ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ސާންތީ ކޯޗުގެ ހަނދާނުގައި ސޮކަރ ވެޓްރަންސްއިން ބޭއްވި ފުރަތަމަ މުބާރާތުގެ ތަށި އޮޑި ސްޕޯޓްސް އެކެޑަމީން ހޯދައިފިއެވެ. 8 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން އެކެޑަމީތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން އޮޑިން ހޯދީ ބީޖީ ސްޕޯޓްސް އެކެޑަމީ ބަލިކުރުމަށްފަހުއެވެ.
ވާދަވެރި ފައިނަލްމެޗަށްފަހު މުބާރާތުގެ ތަށި އޮޑި އެކަޑަމީން އުފުލާލިއިރު މިއީ މިއަހަރު އަލަށް އެ އެކަޑަމީ ލޯންޗް ކުރި ފަހުން 8 އަހަރުންދަށުގެ މުބާރާތަކުން ހޯދި ފުރަތަމަ ތައްޓެވެ.
އޮޑި އެކަޑަމީގެ ކޯޗު ފަރީދު މުހައްމަދު ބުނީ ފުރަތަމަ މުބާރާތް ކާމިޔާބު ކުރެވުނީމަ ވަރަށް އުފާވެއްޖެ ކަމަށާއި، އޮޑީގެ މެނޭޖްމެންޓާއި ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި މުބާރާތުގެ ތައްޓާ ހަމައަށް އާދެވުނީ ސާންތީ ކޯޗުގެ ހަނދާނުގައި ހިތްވަރު ހޯދައިގެން ކުރެވުނު ބުރަ މަސައްކަތުން ކަމަށެވެ.
"އެކަޑަމީން ހެނދުނާއި ހަވީރާ ރޭގަނޑުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރިން މި މުބާރާތަށް ތައްޔާރުވާން. އަދި މިކަމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑު" ފަރީދު ކޯޗު ބުންޏެވެ.
ފަރީދު ބުނީ އޭނާ މީހުންގެ ތެރެއަށް ނެރެދިނީ ސާންތީ ކޯޗު ކަމަށާއި، ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ނެރެދިނީވެސް ސާންތީ ކަމަށެވެ. އެހެންކަމުން މި މުބާރާތްތަށް ތައްޔާރުވާން ހިތްވަރު ހޯދީ ސާންތީ ކޯޗުގެ ހަނދާނުން ކަމަށެވެ.
އަދި މި މުބާރާތަކީ ގްރާސްރޫޓަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ސޮކާ ވެޓްރަންސް އެސޯސިއޭޝަނުން މި މުބާރާތް ބޭއްވީތީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް އޮޑި އެކަޑަމީގެ ކޯޗު ފަރީދު ބުންޏެވެ.
ގްރާސްރޫޓަށް ހާއްސަކޮށްގެން ތުއްތު ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް ލޯބި އިތުރު ކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ސޮކާރ ވެޓްރަންސް އިން އަންނަނީ ފުޓްބޯޅަ މުބާރާތްތައް ބާއްވަމުންނެވެ.