ޚަބަރު

"އޮރާޓް"އާއެކު އޭމްއޭސީއެލްއިން އާ ޓަރމިނަލް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށް


  • ޓަރމިނަލް ހުޅުމުގެ ހުރިހާ މަސައްކަތްތައް ދަނީ ވަކި ތަރުތީބަކުން

  • ކޮންމެ މަސައްކަތެއް ރާވާފަވަނީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަރމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށެވެ. އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި އިންޓަނޭޝަނަލް އެއަރޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެމްއޭސީއެލްއިން އަމަލުކުރަންޖެހެއެވެ.

އެއަރޕޯޓް ހުޅުވުމުގައި މި މިންގަނޑުތައް ކަށަވަރުކުރުމަށް "އޮރާޓް"ގެ ނަމުގައި ޚާއްސަ ޓީމެއް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހެއެވެ.

އޮރާޓަކީ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، މުވައްޒަފުން ޓްރެއިންކުރުމާއި، ޓަރމިނަލް ހުޅުވުމުގެ ކުރިއާއި ފަހުން މުޅި އެއާޕޯޓު ނުވަތަ ޓަރމިނަލް ޤައުމީ އަދި ބައިނަލްއަގްވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ބަލާ ކަށަވަރުކުރާ ޓީމެވެ.

މީގެއިތުރުން ލުއިފަސޭހަ އިންތިޒާމަކުން މުވައްޒަފުންނާއި ފަސެންޖަރުންގެ ކަންކަން ހަމަޖެއްސުމާއި، ރައްކާތެރިކަމުގެ ފެންވަރު ކަށަވަރުކުރުމާއި އެއަރޕޯޓަށް ޚިދުމަތްދޭ އެއަރލައިންތަކާއި ފަސިންޖަރުންގެ އިތުރުން ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުމެވެ.

އޮރާޓްގައި ހިމެނޭ މައިގަނޑު 6 ބައި:

(ހ) އޮޕަރޭޝަނަށް ކަންކަން ރޭވުމާއި ތައްޔާރުވުން:
މިއީ ފުރަތަމަ މަރުޚަލާއެވެ. އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތައް، މިސާލަކަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއާލައިންތައް، އެހެނިހެން މަސައްކަތްތެރިން ދެނެގަނެ، ޓީމުތައް އެކުލަވާލައި އެމީހުންގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އެކަށަައަޅައި ކުރިއަށް ގެންދާނެއެވެ.
އެއާޕޯޓުގައި ބޭނުންކުރަން ގަސްތުކުރާ އަދި ބޭނުންކުރަމުން އަންނަ ސިސްޓަމްތަކާއި މެޝިނަރީޒް، މިސާލަކަށް ބެގޭޖް ހޭންޑްލިންގ ސިސްޓަމާއި، ސެކިއުރިޓި ސިސްޓަމާއި، ޗެކިން ސިސްޓަމްތައް ދެނެގަނެވޭނެއެވެ.

(ށ) ހުރިހާ ޚިދުމަތެއްގެ އަޖުމަބެލުން ނުވަތަ ޓެސްޓުކުރުން:
އިކުއިޕްމަންޓާ މެޝިނަރީތަކާއި، ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީތައް ޓެސްޓުކޮށް އަޖުމަބެލުން.

(ނ) ހާލަތު ތަމްސީލުކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށް ގެންދިއުން:
ޚިދުމަތްތައް ތަޖުރިބާކުރުމަށް ޓްރައިލްތަކެއް ބޭއްވުން ހިމެނެއެވެ. އެގޮތުން ފްލައިޓުތަކާއި ފަސިންޖަރުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަނެ ތަމްސީލުކުރެވޭނެއެވެ.

(ރ) މުވައްޒަފުން ތަމްރީނުކުރުން:
ޚިދުމަތްތައް ދިނުމާއި ޓެކްނޮލޮޖީއާއި ވަސީލަތްތަކަށް މުވައްޒަފުން އަހުލުވެރިކުރާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް މުވައްޒަފުން ތައްޔާރުކުރާނެއެވެ.

(ބ) ޓާމިނަލް ބޭނުންކުރަން ފެށުން:
މިއީ އާންމު ހާލަތުގައި އާ ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލުމެވެ. އެގޮތުން ރޭވުންތެރިކަމާއި އެކު ފަހަރަކު އެއަރލައިނެއްގެ އިންޓަރނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރަމުން ގެންދާނެއެވެ.
އެގޮތުން އެއަރލައިންތައް އިތުރުކުރަމުން އައިސް ބައިނަލްއަޤްވާމީ ހުރިހާ އެއަރލައިންތަކުގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

(ޅ) މޮނިޓަރ ކުރުމާއި ކަންކަން ރަނގަޅުކުރުން:
ޓަރމިނަލް ހުޅުވުމަށްފަހު ފާހަގަކުރެވޭ މައްސަލަތައް އަވަސްކަމާއެކު ދެނެގަނެ އެކަންކަން ހައްލުކުރެވޭނެއެވެ.
އަދި ޓާމިނަލްގެ އޮޕަރޭޝަނަށް ބުރުނާރާ ގޮތުގައި ހުރިހާ ކަމެއް ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރާނެއެވެ.

އާ ޓަރމިނަލްއަކީ މިވަގުތު ނިންމުމުގެ މަރުޚަލާގައި އުޅޭ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަސައްކަތެކެވެ. ސަރުކާރުން ނިންމާފައިވަނީ މިނިވަން ދުވަހު އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވުމަށެވެ. އެންމެ ފުރަތަމަ އާ ޓަރމިނަލް ހުޅުވާލާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. މިއީ އަހަރަކު 7 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލެކެވެ.