ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ ޝަރަފްވެރި 2 އެވޯޑެއް ރާއްޖެއަށް


  • އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް 6 ވަނަ ފަހަރަށް ލިބުނު

  • އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑްވެސް ލިބުނު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީ 2025ގައި ދިވެހިރާއްޖެއިން ޝަރަފްވެރި 2 އެވޯޑެއް ހާސިލުކޮށްފިއެވެ. މި ޝަރަފުވެރި އެވޯޑްތައް ދީފައިވަނީ މި މަހުގެ 28 ވަނަ ދުވަހު ޓެންޒޭނިއާގެ ޖޯހަރީ ރޮޓާނާ ޑާރަސް ސަލާމްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގާލާ ހަފްލާގައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ލިބިފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑާއި އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑެވެ. މިތަނުން އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން މިއީ ވިދިވިދިގެން ކާމިޔާބުކުރި 6 ވަނަ އަހަރެވެ. އަދި އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑް ކާމިޔާބުކުރި މިއީ 2 ވަނަ އަހަރެވެ.

މި އެވޯޑް ހަފްލާގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ. މި އެވޯޑްތައް ލިބުމާއި ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މި އެވޯޑްތަކުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ އިހުތިރާމް ލިބިގެންވާ ޝަރަފުވެރި އެއް ޕްރޮގްރާމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި އެވޯޑްތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އުފާފާޅުކޮށް، އިނާމުދިނުމެވެ.