ޚަބަރު

ވީއޭއެޕް ކަޕް: އެޗްޑީސީ އާއި ހުރާ ސެމީއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ގެންދިޔައީ ހުރާ ޓީމުންނެވެ. އެކަމަކު އެޗްޑީސީން ވަނީ ކުޅުން ރަނގަޅުކޮށް އަނެއް ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް އެޗްޑީސީން ގެންދިޔައީ 25-23، 28-26 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ޝަމާއިލް ހުސެއިންއެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް އެޗްޑީސީން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ހުރާވެސް ސެމީއަށް ދަތުރުކޮށްފައިވާއިރު، އެ ޓީމު ދެވަނައިގައި އޮތީ ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އަދި ތިންވަނައަށް ދިޔަ ސްޕޯޓްސް ކުލަބު ސިޓީއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.