މޯލްޑިވިއަންގެ ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މޯލްޑިވިއަނުން ބުނީ 1 ޖުލައި އިން ފެށިގެން މި 2 ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެކުންފުނީގެ އޮފީހަށް ގޮސް ކަސްޓަމަރުންނަށް ޓިކެޓް ނެގޭނެ އިންތިޒާމް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.
މި ޚިދުމަތް މެދުކަނޑާލި ސަބަބެއް މޯލްޑިވިއަނުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް މިހާރެކޭވެސް އެއްފަދައިން ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި އެ ކުންފުނީގެ އޮފީހަށް ގޮސްގެން ޓިކެޓް ނެގުން މެދުކަނޑާލި ނަމަވެސް އެ ކުންފުނީގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޓިކެޓް ނެގޭނެކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން، ކޯލް ސެންޓަރ، މެއިލް، ވައިބަރ އަދި އެ ކުންފުނިން ކަނޑައަޅާފައިވާ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ.
އެއަރޕޯޓްގައި ހުރި އެ ކުންފުނީގެ ކައުންޓަރުތައް ޗެކިން ކުރާ ވަގުތުތަކުގައި ހުޅުވިފައި ހުންނާނެކަމަށާއި އެތަންތަނުންވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް އެހެން ސަރަހައްދުތަކުގައި ހުރި އެ ކުންފުނީގެ އޮފީސްތަކުން ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.