ޚަބަރު

ރާއްޖެއާއި ފިލިޕީންސްގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ގުޅިގެން މަސައްކަތް ކުރަނީ


  • ދެ މުއައްސަސާ ގުޅިގެން ތަމްރީން ކުރިއަށްގެންދާނެ

  • އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެއްބާރުލުން ދޭނެ

ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްއާއި ފިލިޕީންސްގެ ކޮމިޝަން އޮން ހިޔުމަން ރައިޓްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފިލިޕީންސްގެ ކުއެޒޯން ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާއެވެ. އަދި ފިލިޕީންސްގެ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ޗެއަރޕާސަން ރިޗަރޑް ޕީ. ޕަލްޕަލް-ލަޓޮކްއެވެ.

މި ރަސްމިއްޔާތުގައި ޑރ. ރަމީލާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އުނގެނުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި، ދެ ޤައުމުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި އެޗްއާރުސީއެމުން ވަނީ އެ ކޮމިޝަނުގެ މެންޑޭޓާއި، ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި އިސްނެގުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ފިލިޕީންސްގެ ހިޔުމަން ރައިޓްސް ކޮމިޝަނުންވެސް އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ހޭލުންތެރިކަން އިތުރު ކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅިއެވެ.

ދެ މުއައްސަސާގެ ދެމެދުގައި ސޮއިިކުރި މި އެއްބަސްވުމުގެ ދަށުން ގުޅިގެން ހިންގާ ތަމްރީނުތަކާއި، ދިރާސާ ދަތުރުތައް ކުރުމާއި މަޢުލޫމާތު ޙިއްޞާކުރުމުގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް އެކުލަވާލާނެއެވެ.

ޑރ. ރަމީލާ ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ޒަރިއްޔާއިން ދެ ޤައުމުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށް، ޢަމަލީ މަސައްކަތްތަކެއް ކޮށްގެންނެވެ.