ނެޝަނަލް މައިގްރެންޓް ހެލްތު ޕޮލިސީ ނުވަތަ ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއެކު އެންމެން ޝާމިލުވާ، އިންސާފުވެރި ޞިއްޙީ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ނެޝަނަލް މައިގްރެންޓް ހެލްތު ޕޮލިސީ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު ބިނާކުރުމުގައި ބިދޭސީ މަސައްކަތްތެރިންގެ މުހިންމު ދައުރެއް އޮންނައިރު، އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޞިއްޙީ ފަރުވާއަކީ ކޮންމެ އިންސާނަކަށްވެސް ފޯރުކޮށްދޭންޖެހޭ ޙައްޤަކަށްވާއިރު، އިފްތިތާޙުކުރެވުނު ސިޔާސަތުތަކާއެކު އެކަން ރާއްޖޭގައި ކަށަވަރުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އައު ސިޔާސަތާއެކު އެންމެން ޝާމިލުވާ، އިންސާފުވެރި ޞިއްހީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވޭނެ ކަމަށެވެ.
"މި ސިޔާސަތު އެކުލަވާލުމަކީ އަދި އެންމެ ފުރަތަމަ ފިޔަވަޅު. މިކަން ތަމްފީޒުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި ވުޒާރާތަކާއި ހެލްތު ވޯކަރުން ގުޅިގެން މަސައްކަތްކުރަންޖެހޭނެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ފުރިހަމަ ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭކަން ކަށަވަރުކުރެވެންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ޞިއްހީ ފަރުވާ ކަށަވަރުކުރެވުމުން އެކަށަވަރު ކުރެވެނީ މުޅި ޤައުމުގެ ޞިއްހީ ދުޅަހެޔޮކަންކަމަށެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރު އެކުލަވާލި ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ %43 އިންސައްތައަކީ ބިދޭސީންނެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ސެންޓަރަކާއި ޕޯޓަލްއެއްވެސް މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ އިތުރުން އެ މީހުންނަށް ދިމާވާ ތަފާތު ދަތިތަކަށް ހައްލު ހޯދައިދޭން ސަރުކާރުން ކުރައްވާފައިވާ މަސައްކަތެކެވެ.