ޚަބަރު

ޑިވެލޮޕްމަންޓް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެމްބަރުން ޢައްޔަންކުރައްވައިފި


  • މިކުންފުނި އުފައްދަވާފައިވަނީ 16 މެއި 2024 ހުގައި

  • މިއީ އިޤްތިޞާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެއް

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޢައްޔަންކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤަނޫނުގެ ދަށުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން ޕީސީބީން ޢައްޔަންކުރައްވައިފިއެވެ. އެގޮތުން މއ.މާފުނަ ޙަސަން މިރާސްއާއި، މ.ލަންސިމޫގެ އަޙްމަދު ޢަޒްޔާން ޙަމީދުއާއި، ދ.ކުޑަހުވަދޫ ތިކުރީތު، މަޢީޝާ އިބްރާހީމްއާއި، ގދ.ރަތަފަންދޫ، ޗަނބޭލީވިލާ، އަޒްމީން ރަޝީދުވަނީ އެކުންފުނީގެ ބޯޑުގެ މެމްބަރުގެ ގޮތުގައި މިމަހުގެ 29 ވަނަ ދުވަހުވަނީ ޢައްޔަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.