ކުޅިވަރު

ލަޕޯޓަށް އަލުން ޔޫރަޕަށް ދެވެން އޮތީ މުސާރަ ކުޑަކޮށްގެން


ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު އެމެރިކް ލަޕޯޓަށް އަލުން ޔޫރަޕުގައި ކުޅެން ދިޔުމުގެ ފުރުސަތު ބޮޑީ މުސާރަ ކުޑަކޮށްގެން ކަމަށް މީޑިއާތަކުން ބުނަން ފަށައިފި އެވެ.

މެންޗެސްޓާ ސިޓީ ދޫކޮށް މީގެ ދެ ސީޒަން ކުރިން އައް ނަސްރަށް ބަދަލުވި 31 އަހަރުގެ ޑިފެންޑަރަށް މިހާރު މުސާރައިގެ ގޮތުގައި އަހަރަކު 25 މިލިއަން ޔޫރޯ ލިބެ އެވެ. ނަމަވެސް އޭނާ ގަތުމަށް ޝައުގުވެރިވާ ޔޫރަޕުގެ ކުލަބުތަކަށް މި އަގު މާބޮޑެވެ. ގިނަ ކުލަބުތަކުން ބޭނުންވަނީ މުސާރަ 50 ޕަސެންޓަށް ކުޑަ ކުރާށެވެ.

އައް ނަސްރުގައި ގަވާއިދުން ކުޅެން ފުރުސަތު ލިބުނު ނަމަވެސް ލަޕޯޓް ޔޫރަޕަށް ދާން ބޭނުންވަނީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި ކުޅޭ ސްޕޭން ޓީމުގެ ފުރަތަމަ 11އިން ޖާގަ ހޯދަން ފަސޭހަވާނީ ޔޫރަޕުގައި ކުޅެގެން ކަމަށް ވާތީ އެވެ. ސަބަބަކީ ސްޕޭނުގައި މޮޅު ޑިފެންޑަރުން ގިނަ ވާދަވެރިކަން ބޮޑުވަމުންދާތީ އެވެ. މި ސަބަބާހުރެ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ބައެއް މެޗުތަކުގައި އޭނާ އަށް ވަނީ ފުރުސަތު ނިލިބިފަ އެވެ.

ހުސްވި އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ސްޕޭން ޓީމުގައި އޭނާ ފުލްކޮށް ކުޅުނު ނަމަވެސް ދެ އަހަރު ތެރޭގައި ޒުވާން އަދި ތަޖުރިބާކާރު ޑިފެންޑަރުން ތަކެއް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ބާސެލޯނާގެ ފަހަތަށް ކުޅޭ ޒުވާން ޑިފެންޑަރު ކުބަރްސީ އާއި ތަޖުރިބާކާރު ޑިފެންޑަރު އިނިގޯ މާޓިނޭޒެވެ.

ލަޕޯޓް ގަތުމަށް ސްޕޭނުގެ އެތްލެޓިކް ބިލްބާއޯއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ކުލަބަށް ވެސް މައްސަލައަކަށް ވެގެން އުޅެނީ އޭނާގެ މުސާރައިގެ މައްސަލަ އެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ އާސެނަލް އާއި އެސްޓަން ވިލާ އަދި އިޓަލީގެ ޔުވެންޓަސް ވެސް އޮތީ އޭނާ އަށް ބިޑް ކުރަން ތައްޔާރަށެވެ. އައް ނަސްރު ވެސް އޮތީ އެކަށީގެންވާ އަގެއް ލިބޭނަމަ ލަޕޯޓް ވިއްކާލާ ގޮތަށެވެ.