ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު %17އަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 7 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެދަށުން 1 ޖުލައި 2025 އިން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު %17 އިންސައްތައަށް ބަދަލުކޮށްފައިވާކަމަށެވެ.
އެގޮތުން 1 ޖުލައި 2025 ނުވަތަ އެ ތާރީޚުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ %17 އިންސައްތައިގެ ރޭޓުގައިކަމަށް މީރާއިން ވިދާޅުވެއެވެ. އެހެންކަމުން 1 ޖުލައި 2025އިން ފެށިގެން އައު ރޭޓުގައި ޖީއެސްޓީ ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރު އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ 1 ޖުލައި 00:00ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ %16 ގެ ރޭޓުންކަމަށް މީރާއިން ވިދާޅުވެއެވެ.
އަދި 1 ޖުލައި 00:00ގައި ނުވަތަ އޭގެފަހުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަންވާނީ %17 އިންސައްތައިގެ ރޭޓުންކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރކޮށްފައިވާ އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖުލައި ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.