ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަކީ ރާއްޖޭގައި އިންސްޓުކޮށްގެން ތިބި ފަރާތްތަކަށާއި ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދިޔަ ފޯރަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެޖޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިފަހަރުގެ ބިޒްނަސް ފޯރަމަކީ ކާމިޔާބު ފޯރަމެއްކަމަށެވެ. އެގޮތުން މިފަހަރުގެ ފޯރަމްގައި ދިވެހި އަދި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއެކު 200 އަށްވުރެ ގިނަ ބައިވެރިން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިފޯރަމްގެ ތެރެއިން ރާއްޖޭގައި އިންވެސްޓްކޮށްގެންތިބި އެކި ވިޔަފާރިވެރިންނަށްވެސް ގިނަ ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާކަމަށެވެ.
"ވަރަށް ރަނގަޅު ޑައިލޮގެއް ކުރިއަށްމިއީ، ގިނަ ފުރުސަތުތަކެއް ހުޅުވިގެން މިދިޔައީ. ވަކިން ޚާއްސަކޮށް ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް މިއީ ރަނގަޅު ފޯރަމެއް." ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަކީ، މިފަދަ 7 ވަނަ ބިޒްނަސް ފޯރަމެވެ. ބިޒްނަސް ފޯރަމްތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާއި އަދި ދިވެހި ސަރުކާރުން ދެއްވާ އެކި ލުއިތަކާއި ގުޅޭ މަޢުލޫމާތު މިފޯރަމްތަކުގައިދަނީ ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެމުންނެވެ. މިގޮތުން ސިންގަޕޫރުގައި ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު 3 ދާއިރާތަކުން އިންވެސްޓްކުރުމާއިގުޅޭ އެއްބަސްވުންތައްވަނީ ޤާއިމުކޮށްފައެވެ.
މިގޮތުން ރެޒިޑެންސީގެ ފުރުސަތާއެކު ރާއްޖެއަށް އިންވެސްޓްކުރުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ކުރިއަށްގެންދިޔުމުގެ ހުއްދަ މިވަގުތު ލިބިފައިވާ ފުރަތަމަ މަޝްރޫޢުކަމުގައިވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢާއި، ހިންގުމުގެ ދާއިރާއިން އެހީތެރިވުމާއި ގުޅޭގޮތުންވެސްވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
މިފޯރަމްގެތެރެއިންވަނީ ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ބޮޑެތި ވިޔަފާރިތަކާއި އަދި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރާއެކު މަތީ ފަންތީގެ ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މިޕެނަލް ޑިސްކަޝަންގެ ތެރެއިންވެސްވަނީ ރާއްޖޭގައި ހުރި ފުރުސަތުތަކާއި އަދި ވިޔަފާރިވެރިންގެ ނަޒަރުގައި ރާއްޖެއަށް އިންވެސްޓުކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.