މިދިޔަ ޖޫންމަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމާއި ޓްރެފިކްގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މެއިމަހާ އަޅައިބަލާއިރު ޖޫންމަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ ދަށްވެފައެވެ. ޖޫންމަހު ފުލުހުންނަށް ޖުމްލަ 961 މައްސަލައެއް ހުށަހަޅާފައިވާއިރު މެއިމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 1020 މައްސަލައެކެވެ.
ފުލުހުންނަށް ޖޫންމަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 288 މައްސަލަ ވަނީ ހުށަހަޅާފައެވެ. ޖޫންމަހު 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ.
އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 255 މައްސަލަ ހުށަހަޅާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 162 މައްސަލަ ޖޫންމަހުވަނީ ހުށަހަޅާފައެވެ.
• ވައްކަމުގެ 288 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްގެ 255 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 162 މައްސަލަ
• އެއްޗެހި ގެއްލިގެން 67 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 40 މައްސަލަ
• އަނިޔާގެ 45 މައްސަލަ
• ގެވެށި އަނިޔާގެ 22 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ
• ފޭރުމުގެ 21 މައްސަލަ
• ޚިޔާނަތުގެ 33 މައްސަލަ
• ފޯޖް ކުރުމުގެ 8 މައްސަލަ
ކުށް މަދުކުރުމަށް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.