ޚަބަރު

ދިއްފުށީގައި ޤާއިމުކުރާ އައު އިންޖީނުގޭގެ މަސައްކަތް މިމަހު ނިމޭނެ: ސްޓެލްކޯ


  • ދިއްފުށީ އައު އިންޖީނުގެއިން 3ގުނައަށްވުރެ އިތުރަށް ކަރަންޓު އުފެއްދޭނެ

  • މިއީ ސްޓެލްކޯގެ ހަޔާތުގައިވެސް އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ އިންޖީނުގެ

މާލެ އަތޮޅު ދިއްފުށީގައި ސްޓެލްކޯއިން ޤާއިމުކުރާ އައު އިންޖީނުގޭގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވަނީ ދިއްފުށީގެ އިތުރުން ތުލުސްދޫގައި އެ ކުންފުނިން ޤާއިމުކުރާ އައު އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލާފައެވެ.

ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން މިހާރު ދަނީ މާލެ އަތޮޅު ދިއްފުށީ އަދި ތުލުސްދޫގައި ތަރައްޤީކުރާ އައު އިންޖީނުގޭގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ކުރަމުންނެވެ.

ދިއްފުށީގައި އިމާރާތްކުރާ އައު އިންޖީނުގެއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން، ސްޓެލްކޯގެ ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު ވިދާޅުވީ، މި އައު އިންޖީނުގެ ތަރައްޤީކޮށްފައި ވަނީ ގާތްގަނޑަކަށް 30ހާސް އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. އަދި މިހާރު ދިއްފުށީގައި ހުރި އިންޖީނުގެއާއި އަޅާބަލާއިރު، މި އައު އިންޖީނުގެއިން 3 ގުނައަށްވުރެ އިތުރަށް ކަރަންޓު އުފެއްދޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ކުރީގަ އަޅުގަނޑުމެން އިންޖީނުގޭގެ ކެޕޭސިޓީއަކީ 2200 ކިލޯވޮޓް. ދެން މިހާރު އަޅުގަނޑުމެން މިތަނަށް ބަދަލުވީމަ މިއީ 7 މެގަ. އޭއީ ގާތްގަނޑަކަށް 3 ގުނަ އިތުުރު އަަދަދެއް. 7 މެގަވޮޓްގެ މި އައު އިންޖީނުގޭގައި އިންޖީނުތައް މި ހުންނަނީ 5 ބެޑަށް. ކޮންމެ ބެޑަކީ 1.6 މެގަވޮޓްގެ އިންޖީނެއް ބެހެއްޓޭ ބެޑެއް." ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ، ސްޓެލްކޯއިން އަލަށް އަޅަމުންދާ މި އިންޖީނުގެއަކީ އުސްކޮށް އިމާރާތް ކުރާ، ވެންޓިލޭޝަން ރަނގަޅު އަދި މަސައްކަތުގެ މާހައުލުގައި ރައްކާތެރި ތަނެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ އިންޖީނުގެއެއް ކަމަށެވެ. އަދި މި އައު އިންޖީނުގެ ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެންވަރަށްކަމަށާއި، މިއީ ސްޓެލްކޯގެ ހަޔާތުގައިވެސް އެންމެ އަވަހަށް މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ އިންޖީނުގެކަމަށްވެސް ޝާކިރު ފާހަގަކުރެއްވިއެވެ.

"2024ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިތާ މަސައްކަތް ފެށިގެންދިޔައީ. އެއީ ބިންގާ އެޅިތާ ގާތްގަނޑަކަށް ބުނާނަމަ 20 ދުވަސް ފަހުން. ދެން މަސައްކަތް ފެށިގެން ގޮސް ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދިޔަ. 8 މަސްތެރޭގައި މި އިންޖީނުގޭގެ މަސައްކަތް މި ގާތްގަނޑަކަށް ނިމުނީ. އަދި އަމާޒަކީ މިމަހުގެ ތެރޭގައި މި އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމާލާ އޮޕަރޭޝަނަށް ގެނައުން." ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު ވިދާޅުވިއެވެ.

މާލެ އަތޮޅު ތުލުސްދޫގައި އަލަށް ޤާއިމްކުރާ އިންޖީނުގޭގެ މަސައްކަތްތަކަށް ބަލާލާއިރު އެ އިންޖީނުގޭގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ މަސައްކަތް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މި އިމާރާތުގެ މަސައްކަތް މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ތުލުސްދޫއަކީ މާލެއަށްފަހު އެ ކުންފުނީގެ ޚިދުމަތް ފެށި ފުރަތަމަ ރަށެވެ. އަދި އެ ރަށުގެ އައު އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑަށް، 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11.9 މިލިޔަން ރުފިޔާއަށެވެ.