ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް ދެވަނަ ފިޔަވަހީގައި ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި އަގުނަގައިގެން ދަތުރުތައް ކުރަން ފަށައިފިއެވެ. ރ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތުގެ ދަތުރުތައް 3 ރޫޓަކުން ކުރުމަށް އެމް.ޓީ.ސީ.ސީން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ ޖޫން 26 އިން ފެށިގެން މި މަހުގެ 2އަކާއި ހަމައަށް އާއްމުން މި ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ. އެ މުއްދަތު ހަމަވެ މިހާރު ވަނީ އަގު ނަގަން ފަށާފައެވެ.
ރ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތަށް 2 ފެރީއެއް ބޭނުންކުރާއިރު، އަތޮޅުގެ 15 ރަށަކަށް މި ދަތުރުތައް ކުރާނެއެވެ. އެގޮތުން ރ. އަތޮޅުގައި 3 ރޫޓަކުން މި ދަތުރުތައް އެމް.ޓީ.ސީ.ސީން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ
އެމް.ޓީ.ސީ.ސީން ވިދާޅުވީ، ހިލޭ މި ދަތުރުތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤުޞަދަކީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކޮށްދިނުމުގެ ފުރުޞަތު އާއްމުންނަށް ދިނުންކަމަށެވެ. އަދި އާއްމުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކޮށްދިނުމަށްކަމަށެވެ. ދަތުރުތައް ހިލޭ ކޮށްދޭ މުއްދަތުގައި، އެރަށެއްގެ ރަށު ކައުންސިލު މެދުވެރިކޮށް ފެރީން ޖާގަ ހޯދޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ. އަދި އާރް.ޓީ.އެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް ޓިކެޓް ގަތުމަށް ބޭނުންކުރެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ރ. އަތޮޅުގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތުގެ އަގުތައް އުޅެނީ ކޮޅަކަށް 35 ރުފިޔާއާއި 125 ރުފިޔާއާއި ދެމެދުގައެވެ.
އެމް.ޓީ.ސީ.ސީން އާރްޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފޯރުކޮށްދެމުންނެއެވެ. އެގޮތުން ރ. އަތޮޅަކީ މި ޚިދުމަތް ފެށި 10 ވަނަ އަތޮޅެވެ.
އާރް.ޓީ.އެލް ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، މީހުން އުފުލުމަށް ޚާއްސަ ފީޗަރތައް ހިމެނޭގޮތަށެވެ. އަދި އުޅަނދުތަކުގައި މަސައްކަތްކުރަނީ ޚާއްސަ ޓްރެއިނިންތައް ދީފައިވާ ކެޕްޓަނުންނާ ފަޅުވެރިންނެވެ.
މިހާރު ސަރުކާރުން ތައްޔާރުވަމުންދަނީ ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށެވެ. އެ އަތޮޅުގައިވެސް ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެމް.ޓީ.ސީ.ސީގެ އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހަމަޖެހިފައިވަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ.