ކުޅިވަރު

ރާއްޖޭގެ ފުޓްބޯޅައަށް އޮތް ގޮންޖެހުމަކީ އަތޮޅުތެރޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރެވިފައި ނެތުން: ސިމަން


ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަތޮޅުތެރޭގެ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާޢީލް ސިމަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިމަން ވިދާޅުވީ މީގެ ކުރިން އެއީ ހަމައެކަނި ދެކެވުނު ވާހަކައެއް ކަމަށާއި އެކަން ކުރެވިފައި އޮތްތަން އަމަލީގޮތުން ފެންނަން ނެތްކަމަށެވެ.

ސިމަން ވިދާޅުވީ 2024 ވަނަ އަހަރުގެ ޖޫން މަހު ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރުމާއި ގުޅިގެން ކޮމިޓީން މަސައްކަތާ ހަވާލުވެ މިހާތަނަށް ކުރެވިފައިވާ މަސައްކަތަށް ބެލިއިރު އެކަށީގެންވާ ފެންވަރަށް ައތޮޅުތެރޭގެ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތްކޮށްފަ ނުވާކަމަށެވެ.

"މިހާތަނަށް ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފަ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރަހައްދީ ފުޓުބޯޅަ ތަރައްޤީކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމަށް ދެކެވެމުންވާ ވާހަކަ. އަޅުގަނޑުމެންވެސް އެންމެ ފުރަތަމަ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން މަސައްކަތާ ހަވާލުވެ މިހާތަނަށް ކުރެވިފައިވާ މަސައްކަތަށް ބެލިއިރު، އެކަށީގެންވާ ވަރަށް ސަރަހައްދީ ފުޓުބޯޅަ އިންސްޓިޓިއުޝަން އެއްގޮތަށް ނުވަތަ އެހެން ގޮތަކަށް ދަންނަވާނަމަ އޭރު ޒޯންތަކެއްގެ ގޮތުގައި ސަރަހައްދީ ފުޓުބޯޅަ ކުރިއެރުވުމުގެ ވާހަކަ ދެކެވިފަ އޮތް ނަމަވެސް އެކަށީގެންވާ ގޮތެއްގައި ޒޯނުތައް އެކުލަވާލެވިފައެއް ނެތް" ސިމަން ވިދާޅުވިއެވެ.

އެހެންކަމުން އަލަށް އެކުލަވާލެވުނު އެފްއޭއެމްގެ ހިންގާ ގަވާއިދު ހެދުމުގައި އެންމެ ބޮޑަށް ބަރޯސާވެފައި ވާނީ ދާދިފަހުން ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އަތޮޅުތެރޭގައި ފުޓުބޯޅަ ތަރައްޤީކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލުމުގެ ވާހަކަ ޤާނޫނުގައި ބަޔާންކޮށްފައިވުމުން، އެ ޤާނޫނުގެ ދަށުން ހެދިގެންދާ ޤަވާއިދުގެ ތެރެއިން އަންނަ އޮނިގަނޑަކަށް ކަމަށް ސިމަން ވިދާޅުވިއެވެ.

އެހެންނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން އައު ހިންގާ ގަވާއިދު އެކުލަވާލާ ނިމުނު އިރުވެސް، އަދި އެ އޮނިގަނޑަކީ ކޮބައިކަމެއް މުޅިން ސާފުވެފަނުވާކަމަށް ސިމަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ނޯމަލައިޒޭޝަން ކޮމިޓީން ހިންގާ ޤަވާއިދުގެ އިންތިޤާލީ މާއްދާތަކުގައި ފާހަގަކޮށްފައި ވާނީ އަތޮޅުތެރޭގެ މުބާރާތްތައް ނުވަތަ ޒޯން މުބާރާތްތައް ހިންގާ ގޮތަށް ކަމަށާ، އަދި ޒޯން އެސޯސިއޭޝަންތައްވެސް އެކުލަވާލާ ގޮތަށް ފާހަގަކޮށްފަވާނެކަމަށް ސިމަން ވިދާޅުވިއެވެ.

އެހެންނަމަވެސް ސީދާ ވަކިގޮތަކަށް އެކަން ކުރަންޖެހޭނެކަމަށް ބަޔާންކުރުމުގައި ދަތިތަކެއް ހުރުމުން، އޭއެފްސީ އަދި ފީފާ ހިމެނޭހެން މަޝްވަރާތައް ކުރަމުންދާކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ސީދާ ކަނޑައެޅިގެން ވަކިގޮތަކަށް އެކަން ކުރަން ޖެހޭނެ ކަމަށް ބަޔާންކުރުމުގަ ފީފާއާއި އޭއެފްސީއާވެސް ވާހަކަދެއްކިއިރުގައި ދަތިތަކެއް ހުރި" ސިމަން ވިދާޅުވެފަވެއެވެ.

ސިމަން ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީން އައު ހިންގާ ގަވާއިދު އެކުލަވާލުމުގައި އެންމެ އިސްކަމެއްދިން އެއްކަމަކީ ފުޅާދާއިރާއެއްގައި ރާއްޖޭގެ ފުޓުބޯޅައިގެ ބައިވެރިވުން އޮންނާނެ ގޮތަކަށް، ސަރަހައްދީ ފުޓުބޯޅަ ވެސް އެކުލެވިގެންވާ ގޮތަކަށް ހިންގާ ގަވާއިދު ބައްޓަން ކުރުން ކަމަށެވެ.

އަލަށް ފާސްކުރެވުނު ހިންގާ ގަވާއިދަކީ ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލު ހިމަނައިގެން އެކުލަވާލެވުނު ގަވާއިދެއްކަމަށްވެސް ސިމަން ވަނީ ފާހަގަކުރައްވާފައެވެ.