އުރީދޫ ދިވެހި ލީގުގެ ކުޅުން ފަސްކޮށްފިއެވެ. މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން ލީގުގެ ކުޅުން ފަސްކޮށްފައިވާއިރު އަލުން ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. ކުރިން ތާވަލްކޮށްފައިވާ ގޮތުން ލީގުގެ ކުޅުން މާދަމާ ފަށާނެއެވެ. 
 
މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި މިރޭ ކުރިއަށްގެންދާއިރު ދަނޑުގެ ވިނަ ގަނޑު މަތީގައި ވަނީ މެޓް އަޅާފައެވެ. އެފްއޭއެމްއިން ބުނީ މިފަހަރުވެސް ދަނޑުގައި ބޭނުންކޮށްގައިވަނީ މިދިޔަ އަހަރުވެސް ބޭނުން ކުރި މެޓްކަމަށެވެ. މިދިޔަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތަކަށްފަހު ދަނޑުގެ ވިނަ ގަނޑު ހަލާކުވެފައިވުމުން ސީޒަނުގެ ބޮޑުބައި ކުޅެން ޖެހުނީ ޓާފް ދަނޑުގައްޔާއި، ކުޅުދުއްފުއްޓާ އައްޑޫ ސިޓީގައެވެ.
 
 އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދަނޑުގެ ވިނަ ގަނޑު މިފަހަރު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ހޯމް މިނިސްޓްރީއިން ދީފައިވާ ކަމަށެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރަށް ތާވަލްކޮށްފައިވާ މާޒިޔާ އަދި ވިކްޓްރީގެ މެޗް ދެން ކުޅޭނީ ތިންވަނަ ދުވަހުގެ ހަވީރު ކަމަށް އެފްއޭއެމް އިން ބުނެއެވެ. އަދި މާދަމާރެއަށް ކުރިން ތާވަލްކޮށްފައިވާ އީގަލްސް އަދި ބީޖީ މެޗް ކުޅޭނީ ތިންވަނަ ދުވަހުގެ ރޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
 
ލީގު ޝެޑިއުލަށް އައި ބަދަލު
 
 
މާޒިޔާ - ވިކްޓްރީ -  3 އޮގަސްޓް ( ހަވީރު )
 
އީގަލްސް - ބީޖީ - 3 އޮގަސްޓް ( ރޭގަނޑު )
 
ޔުނައިޓެޑް ވިކްޓްރީ - ވެލެންސިޔާ  4 އޮގަސްޓް ( ހަވީރު )
 
ޓީސީ - ނިއުރޭޑީއެންޓް - 4 އޮގަސްޓް ( ރޭގަނޑު )