ޚަބަރު

މަޝްރޫއުތަކަށް އެހީ ހޯދަން އަބޫދާބީ ފަންޑާއެކު މަޝްވަރާތަކެއް


  • ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • އަބޫދާބީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް

ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާކުރައްވާފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުން ގުޅިގެން ކުރަމުންދާ އަދި ކުރިއަށްއޮތްތަނުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ ދާއިރާއަށް އެއްބާރުލުން ދިނުމާއި، ކުރިއަށްގެންދިއުމަށް ރާވަމުންދާ އަދި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަބޫދާބީ ފަންޑުން ދެމުންދާ އެހީތެރިކަމާއި، ދެ ފަރާތުގެ ދެމެދުގައިވާ ގުޅުމަށްޓަކައި އެ ފަންޑަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަޒީރު ހަސަން ޒަރީރު އަބޫދާބީ ފަންޑާ ބައްދަލުކުރައްވާފައިވާއިރު، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، މަޝްރޫޢުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫޢުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަބޫދާބީ ފަންޑަކީ 1976 އިން ފެށިގެން ރާއްޖެއަށް އެހީތެރިވަމުން އަންނަ ފަރާތެކެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިގުތިޞާދީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަަށް އަަބަދުވެސް އެފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ތަރައްގީކުރުމަށް އެފަންޑުން ފޯރުކޮށްދިން އެހީތެރިކަމާއި، އިޔާދަކުރަނިިވި ހަކަތައިގެ މަޝްރޫޢުތަކަށް ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.