އަތޮޅުތެރޭގައި ވޮލީބޯޅަ އެކެޑަމީތަކުގެ ދައުރުފުޅާކުރުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެހީތެރިކަމާއެކު އެފްއައިވީބީ ލެވެލް 1ގެ ކޯހެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ވޮލީ ބޯޅަ މުޅި ރާއްޖެއަށް ފުޅާކޮށް ތަރައްގީކުރުމުގެ މަގްސަދުގައި އަތޮޅުތެރޭގައި އުފައްދާ އެކެޑެމީތަކަށް ތަމްރީނު ލިބިފައިވާ ކޯޗުން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެފްއައިވީބީ ލެވެލް 1ގެ ކޯހެއް ހިންގުމަށް ރާވާފައިވާކަމަށެވެ. މިކޯސް ވީއޭއެމްއިން ހިންގާނީ މޯލްޑިވްސް ނެޝަނަލް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކުކަމަށް ލަތީފް ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން އަތޮޅުތެރޭގައި އެކަޑަމީގެ މަސައްކަތް ފުޅާކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު އެފްއައިވީބީ ލެވެލް 1ގެ ކޯހެއް އަޅުގަނޑުމެން ސެޕްޓެމްބަރުމަހުގައި އެބަ ބާއްވަން. އެކޯހަށް އިރާދަކުރެއްވިއްޔާ ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ބޭފުޅަކަށް ފުރުސަތު ލިބިގެންދާނެ" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެކޯހަށް ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ބައިވެރިއަކަށް ފުރުސަތުދެވޭނެކަމަށާ، އެ ކޯސް ޚާއްސަކުރާނީ އަންހެން ކޯޗުން އުފެއްދުމަށްކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ކަނބަލުން މިފުރުސަތުގެ ބޭނުން ހިފާ ވޮލީގެ އައު ޖީލެއް އުފެއްދުމަށް މަސައްކަތްކޮށްދިނުމަށް ލަތީފްވަނީ އިލްތިމާސްކުރައްވާފައެވެ.
"އަދި ވަކިން ޚާއްސަކޮށް އެކޯސް ބޭނުންވަނީ އަންހެން ކޯޗުން އުފެއްދުމަށްޓަކައި ކުރިއަށްގެންދަން، އެހެންވީމަ އަޅުގަނޑުމެން އެދެނީ ވިހާވެސް ގިނަ އަންހެން ބޭފުޅުން މި ކޯހުގައި ބައިވެރިވެދެއްވާ އަދި ކުޑަކުދިންގެ ޕްރޮގްރާމުތަކުގައި މަސައްކަތްކޮށްދެއްވުން" ލަތީފް އިލްތިމާސްކުރެއްވިއެވެ.
ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން ވީއޭއެމްގެ ރައީސް ދެއްކެވި ވާހަކައިގައިވަނީ ވޮލީ ބޯޅައިގެ ޔޫތު ޑިވެލޮޕްމެންޓު ޕްރޮގްރާމު އިތުރަށް ހަރުދަނާ ކުރައްވާ، އަތޮޅު ތެރެއަށް އެ ޕްރޮގްރާމު ފުޅާކުރައްވަން ރާއްވަވާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި ވޮލީބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއްގެ އެހީތެރިކަން މިޙާރުވެސް ހޯދަމުންދާކަމަށް ލަތީފްވަނީ ވިދާޅުވެފައެވެ.