ކުޅިވަރު

ޕީއެސްޖީއާ ދެކޮޅަށް ޖެއްސި މައްސަލަ އެމްބާޕޭ ކޯޓުން ނަގައިފި


ޕީއެސްޖީއާ ދެކޮޅަށް ޖެއްސި މައްސަލަ ރެއާލް މެޑްރިޑުގެ ފޯވާޑް ކީލިއަން އެމްބާޕޭ ކޯޓުން ނަގައިފިއެވެ.

މިކަން އެމްބާޕޭގެ ލޯޔަރުން ވަނީ ޔަގީންކޮށްދީފައެވެ. ޕީއެސްޖީގެ ކުރީގެ ކެޕްޓަންގެ ލޯޔަރުން މި މައްސަލަ އަނބުރާ ނެގި ނަމަވެސް ކުލަބާ ދެކޮޅަށް ހުށަހަޅާފައިވާ އެހެން މައްސަލަތައް އަދި ވެސް ކޯޓުގައި ކުރިއަށް ދެ އެވެ.

އޭނާ މައްސަލަ ނަގާފައިވަނީ އެމެރިކާގައި މިހާރު ކުރިއަށް ދާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ އާއި ރެއާލް މާދަމާ ކުޅެން ހަމަޖެހިފައި އޮއްވަ އެވެ.

އެމްބާޕޭ ޕީއެސްޖީއާ ދެކޮޅަށް ހުށަހަޅައި ނެގި މައްސަލައަކީ 2023 ވަނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން އޭނާ ބާކީކޮށް، އެކަނި ޕްރެކްޓިސް ކުރަން ބެހެއްޓި މައްސަލަ އެވެ. ކުޅުންތެރިޔާގެ ފަރާތުން ގަބޫލު ކުރަނީ މިއީ އޭނާ އެކަހެރިކޮށް، މަލާމާތް ރައްދުވާ ގޮތަށް އަމަލު ކުރުން ކަމަށެވެ. އަދި މިއީ އޭނާ ރެއާލް މެޑްރިޑަށް ކުޅެން އެއްބަސްވާތީވެ ނިންމި ނިންމުމެއް ކަމަށެވެ.

މި މައްސަލަ ކޯޓުން ނެގިއިރު މިހާރު ހިނގަމުންދާ އެއް މައްސަލައަކީ ޕީއެސްޖީން އެމްބާޕޭ އަށް ކޮންޓްރެކްޓްގެ ފަހު ތިން މަސް ދުވަހުގެ މުސާރަ ނުދޭ މައްސަލަ އެވެ. އެއީ 55 މިލިއަން ޔޫރޯ އެވެ. ޕީއެސްޖީން ބުނަނީ މި ފައިސާ ދޭން ނުޖެހެނީ ކުލަބަށް ކުޅުންތެރިޔާ ވަފާތެރި ނުވުމުން ކަމަށެވެ. އަދި ރެއާލް އަށް ކުޅެން އެމްބާޕޭ އެއްބަސްވީ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރެ ކަމަށާއި އެ ކުލަބަށް އެންމެ ރުފިޔާ އެއް ވެސް ނުލިބޭ ގޮތަށް ހިލޭ ޓްރާންސްފާއެއްގައި ރެއާލް އަށް ނުދާނެ ކަމަށް އަނގަބަހުން އޭނާ އެއްބަސްވި ކަމަށެވެ. ނަމަވެސް މި ވާހަކައާ މެދު ފްރާންސްގެ ކެޕްޓަން ވަކި އެއްޗެއް ނުބުނެ އެވެ.