ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ.
ޗެލްސީ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ބްރެޒިލްގެ ފުލުމިނެންސޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.
ނިއު ޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޗެލްސީ އިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ ފޯވަޑް ޖޮއާއޯ ޕެޑްރޯ އެވެ.
ޗެލްސީ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ 18 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. ޗެލްސީއަށް ދާދި ފަހުން ބަދަލުވެ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ޖޮއާއޯ ޕެޑްރޯ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރޯ ނެޓޯ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުލުމިނެންސޭ އަށް ރެފްރީ ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.
މި މެޗުގައި ޗެލްސީ އިން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދީފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަކުންނެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދުމާއިއެކު އެ ޓީމަށް މި މުބާރާތުން ލިބޭ ފައިސާގެ އަދަދު ވަނީ 82 މިލިއަނަށް އަރާފަ އެވެ. ސެމީ ފައިނަލާއި ހަމައަށް އައިއިރު އެ ޓީމަށް ވަނީ ޖުމްލަ 60 މިލިއަން ޕައުންޑު ލިބިފަ އެވެ. އަދި ފައިނަލަށް ދަތުރު ކުރުމާއިއެކު ވަނީ އިތުރު 22 މިލިއަން ލިބިފަ އެވެ.
މި މެޗުގައި ޗެލްސީގެ ކްރިސްޓޮފަރ އެންކުންކޫ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައިވީ ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިރޭ ރެއާލް މެޑްރިޑް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.