ޔޫތު މުބާރާތެއް ކުޅުމުގެ ކުރިން ބައިނަލްއަގުވާމީ މެޗެއް ކުޅެން ލިބުމަކީ ކުދިންނަށް ލިބުނު ވަރަށް ބޮޑު ފައިދާއެއް ކަމަށް މޯލްޑިވްސް ސޮކަރ މޭޓްސް އެކެޑަމީގެ ކޯޗު ޢަބްދުﷲ ޔާސިރު ބުނެފިއެވެ.
އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކާ އެކަޑަމީން ރާއްޖޭގައި ކުރިޔަށް ގެންދާ ފުޓްބޯޅައިގެ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ސޮކާރ މޭޓްސްގެ 17އަހަރުން ދަށުގެ ފުޓްބޯޅަ ޓީމައެކު އިއްޔެ ގަލޮޅު ދަނޑުގައި ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ޔާސިރު ބުނީ އިއްޔެގެ މެޗަކީ ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދަސްކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
"މިއަދު މި ލިބުނީ ވަރަށް ބޮޑު ފިލާވަޅެއް، ކިހާވަރަކަށް ރެޑީވެގެންތޯ މިވަރު މެޗެއްގައި އަހަރެމެންނަށް ނަތީޖާ ބަދަލުކުރެވޭނީ" ޔާސިރު ބުންޏެވެ.
ޔާސިރު ބުނީ އެމްއެސް މޭޓްސްގެ އެކަޑަމީން ޓީމެއް ހޮވައިގެން އައިއެސްއޭ މެޗަށް ހުރިހާ ކުދިން އެއްކޮށް ފަރިތަކޮށްލަން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށެވެ. އަދި ސުކޫލުތަކުގެ ޓެސްޓް ދުވަސްވަރާއި ގުޅިގެން ފަރިތަކުރުންތަކަށް ބައެއް ކުދިންނަށް އެކަށީގެންވާ ވަގުތުވެސް ނުދެވުން ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
އެހެންނަމަވެސް ޒުވާން ކުޅުންތެރިންނަށް އެފްއޭއެމް ޔޫތް ލީގުގެ ކުރިން މި ކަހަލަ މެޗެއް ކުޅެލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކޯޗު ބުންޏެވެ.
އެވްރެޖްކޮށް 15 އަހަރުގެ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޓީމުން އައިއެސްއޭއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ކޯޗު ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލަކީ އެކަޑަމީތައް ކަމަށާއި، މިހާރު ރަށްރަށުގައިވެސް ވަރަށް ރަނގަޅު ކޯޗުން އެކަޑަމީތަކުގައި ހަރަކާތްތެރިވާކަމަށެވެ.
ޔާސިރު ބުނީ ކޮންމެ އެކަޑަމީއަކުންވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ފުޓްބޯޅަ މިއަދު މިއޮތް ހިސާބަށްވުރެ ކުރިޔަށް ގެންދެވޭތޯ ކަމަށާއި އެކަން ކުރެވޭނީ އެކަޑީމީތަކުގެ ކުދިން، ފެންވަރު ރަނގަޅު ކޯޗުންގެ ފަރާތުން ތަމްރީނުވެގެން ކަމަށާއި، ރަނގަޅު ސެޝަންތަކެއް ނެގިގެންކަމަށެވެ.
ރަށްރަށުން އަންނަ ކުދިން ތަފާތު ކަމަށާއި، އެކުދިންނަކީ އާންމުގޮތެއްގައިވެސް މޮޅު ކުދިންކަން ފާހަގަކޮށް ޔާސިރު ބުނީ ރަށްރަށުގައި ބައިވަރު އެކަޑަމީތައް ހުންނައިރު މިހާރު އެފްއޭއެމްގެ ފަރާތުން ހިންގާ ކޯސްތަކުގެ ސަބަބުން ރަށްރަށުގެ އެކަޑަމީތަކުގައި ތިބެނީ ވަރަށް ތަޖުރިބާކާރު ވަރަށް އިތުބާރު ހިފޭ ކޯޗުން ކަމަށެވެ.
"އެހެންވީމާ ވަރަށް މުހިންމު ކަމެއް ޔޫތް ޑިވެލޮޕްމެންޓަށް ރަނގަޅު ޓްރޭނިންގ ލިބުމަކީ" ޔާސިރު ބުންޏެވެ.
އެމްއެސް މޭޓްސް އަކީ ފުޓްބޯޅަ ކުރިއެރުވުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ ފަތާރުން ހިންގާ އެކަޑަމީގައި އެކި އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދެއެވެ.