ޚަބަރު

ތުރުކީ ޕީޓީއޭ: ކްރިއޭޓިވް އިކޮނޮމީއަށްވެސް ފައިދާތަކެއް


  • ތުރުކީވިލާތުން 404 ގިންތިއެއްގެ މުދާ ޑިއުޓީއަކާޢި ނުލާ އެތެރެކުރެވޭނެ

  • ކްރިއޭޓިވް ސިނާއަތައް ބޭނުންވާ ތަކެތި އަގުހެޔޮކޮށް ލިބޭނެ

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމަންޓް، ޕީޓީއޭއަށް އަމަލުކުރަން ފެށީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖޭގެ އެކިއެކި ސިނާއަތްތަކަށް ފައިދާ ކުރާނެ އެއްބަސްވުމަކަށް ވެގެންދާނެއެވެ.

ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓަކީ އެއާމެދު 9 މަސް ދުވަހު މަޝްވަރާކުރެވި އެކި ސިނާޢަތްކުގެ ޚިޔާލު ހޯދުމަށް ފަހު ސޮއިކޮށް ޢަމަލުކުރަން ފެށި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ތުރުކީވިލާތުން 404 ގިންތިއެއްގެ މުދާ ޑިއުޓީއަކާ ނުލާ އެތެރެކުރެވޭނެއެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއްދޭ އެއް ދާއިރާއަކީ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމަށް ކުރާ މަސައްކަތެވެ. ތުރުކީވިލާތާއިއެކު މިހާރު ރާއްޖެއިން އަމަލުކުރަމުންދާ ޕީޓީއޭއިން ކްރިއޭޓިވް އިކޮނޮމީއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވީ، ތުރުކީވިލާތާއިއެކު އެކުލަވާލެވުނު ޕީޓީއޭގެ ސަބަބުން ރާއްޖޭގައި ހަރަކާތްތެރިވާ އާޓިސްޓުންނާއި، ޑިޒައިނަރުންނަށް ފައިދާ ކުރާނެކަމަށެވެ. އެގޮތުން އާޓިސްޓުން ނުވަތަ ޑިޒައިނަރުން އުފައްދާ ތަކެއްޗަށް ބޭނުންވާ ކޮލެޓީ މެޓީރިއަލްސް ހެޔޮ އަގުގައި ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް މި އެގްރިމަންޓްގެ ތެރެއިން އެބޭފުޅުންގެ ތަކެތި އުފެއްދުމަށް ބޭނުންވާ ތަކެތި އަގުހެޔޮކޮށް ލިބޭނެ. ދާއިމީކޮށް ރަނގަޅު ކޮލެޓީ އެއްޗެހި ލިބޭކަމަށްވަންޏާ އެބޭފުޅުންނަށް އުފައްދާ ތަކެތިވެސް ކޮލެޓީކޮށް އުފެއްދުމަށް މަގުފަހިވާނެ. ވާހަކައަކީ ކޮލެޓީ މެޓީރިއަލްސް އަގުހެޔޮކޮށް ލިބޭކަމަށްވަންޏާ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން އުދައްދާ ތަކެތިވެސް ކޮލެޓީވެގެންދާނެއޭ." ޒާމިރު ވިދާޅުވިއެވެ.

ތުރުކީވިލާތާއެކު ސޮއިކޮށް އޯގަސްޓް 1 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޕީޓީއޭއަކީ ދެ ޤައުމު ދެމެދު މަޝްވަރާ ކުރެވި ކަނޑައެޅި ވަކި ބާވައްތަކުގެ މުދަލުން ޑިއުޓީ މަޢާފް ކުރުމަށް ސޮއިކުރެވިގެން ދިޔަ އެއްބަސްވުމެކެވެ. ބައިނަލްއަޤްވާމީ ގޮތުން ބަލާ ކަސްޓަމްސް މިނގަނޑުތަކުން މުދަލުގެ 75 ގިންތިއަކުން މި އެއްބަސްވުމުގެ ދަށުން ލުއި ލިބެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ސިނާއަތްތަކަކަށް ފައިދާވެގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އޭގެތެރޭގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ރެސްޓޯރަންޓް ވިޔަފާރިއާއި އަދި ކުދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފައިދާ ވެގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕީޓީއޭއަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އިމްޕޯޓަށްވެސް އޭގެ ފައިދާ ކުރާނެއެވެ. މިހާރު ތުރުކީވިލާތާއި ރާއްޖެ ދެމެދު ކުރެވޭ ވިޔަފާރި ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށް އަރައެވެ.