ޚަބަރު

މިމަހުގެ 13އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެ


  • އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭނެ

  • އެތެރެކުރާ އުޅަނދު ބާއްވާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ތަނަކަށްވާންޖެހޭނެ

މި ހިންގާ ޖުލައި މަހުގެ 13ވަނަ ދުވަހުން ފެށިހެން ރާއްޖެއަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރެވޭނީ ހުއްދަ ނެގުމަށްފަހުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވައިދަށް ބަދަލުގެންނަވާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ. މި ބަދަލު ގެނެސްފައިވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޤަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުންކަމަށެވެ.

މި ޤަވައިދުގައިވާގޮތުން، މި ހިންގާ ޖުލައި މަހުގެ 13ވަނަ ދުވަހުން ފެށިގެން 2 ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އިންޖީނުލީ އެހެން ހުރިހާ އެއްގަމު އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށްފަހުގައެވެ.

މީގެ އިތުރުން، އެތެރެކުރާ އުޅަނދު ބާއްވާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ތަނަކަށްވާންޖެހެނެ ކަމަށްވެސް އައު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ތަނެއްގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ނުވަތަ ވުޒާރާއިން ކަނޑައަޅުއްވާ ފަރާތަކުން ކަށަވަރު ކުރަންވާނެކަމަށްވެސް ބަޔާންކުރެއެވެ. އަދި މިފަދަ އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް އެ ވުޒާރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް އެ ވުޒާރާގެ ޕޯޓަލް (eportal.mta.gov.mv) މެދުވެރިކޮށް މިހާރު ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް އެ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއާއި އުޅަނދާ ބެހޭ އެކިއެކި ލިޔެކިޔުންތައް ހުށައަޅަންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެހެންކަމުން އާންމު ރައްޔިތުންގެ އިތުރުން އިންޖީނުލީ އުޅަނދުތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގައި ގިނަ އަދަދެއްގެ ހަތަރުފުރޮޅުލީ އުޅަނދު މީގެ ކުރިން އެތެރެކޮށްފައިވީނަމަވެސް، އެ އުޅަނދުތައް ބާއްވާނެ ޖާގަ މާލޭގައި ނެތުމަކީ މިހާރު ދިމާވެފައިވާ ބޮޑު އެއް މައްސަލައެވެ. 2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރާނަމަ، އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭ ގޮތަށް ޤަވާއިދު އިސްލާހުކުރީ އެ މައްސަލަ ހައްލުކުރުމަށެވެ.