ޚަބަރު

ރިސޯޓް ލީގުގެ ސައުތު މާލޭ ޒޯންގެ ޗެމްޕިއަންކަން އޮޅުވެއްޔަށް


ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރިސޯޓް ވޮލީބޯޅަ ލީގުގެ ސައުތު މާލޭ ޒޯންގެ ޗެމްޕިއަންކަން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްއިން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އޮޅުވެލިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓާ ދެކޮޅަށް ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ސެޓު 23-25 އިން ކާމިޔާބުކުރީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިންނެވެ.

އެކަމަކު ޖެހިގެން އައި ދެ ސެޓު 25-15 އަދި 25-21 އިން ގެންދިޔައީ އޮޅުވެލިންނެވެ. ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓު 18-25 އިން އިތާފުށިން ގެންދިޔުމާއެކު، ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 15-10 އިން ކާމިޔާބުކުރީ އޮޅުވެލިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލީގެ އަޙްމަދު ޖަލްޒާންއެވެ.

ސައުތު މާލޭ ޒޯންގައި މިއަހަރު ވާދަކުރި ރިސޯޓްތަކަކީ އޮޅުވެއްޔާއި، އިތާފުށީގެ އިތުރުން ކަނޑޫމާ މޯލްޑިވްސް އާއި، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އަދި އަމިއްލަ މޯލްޑިވްސްއެވެ. ރިސޯޓް ވޮލީ ލީގުގައި ޖުމްލަ 17 ޓީމެއް ވަނީ ބައިވެރިފައެވެ. މިއީ ހަމައެކަނި ރިސޯޓުތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. ސައުތު މާލޭ ޒޯންގެ މެޗުތަކަށްފަހު ދެން އޮނާނީ ނޯތު މާލޭ ޒޯނުގެ ރިސޯޓުތަކުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެވެ. އެ މުބާރާތް އޮންނާނީ އޮގަސްޓް މަހުގައެވެ.

މިދިޔަ އަހަރު ރިސޯޓް ވޮލީ ލީގު ބޭއްވީ ދެ ޒޯނެއްގައެވެ. އެއީ ބ އަދި މާލެޒޯނެވެ. އަދި މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ 9 ރިސޯޓަކުންނެވެ.