އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކަރ އެކަޑަމީން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗު 6-0 ން ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ.
އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައިއެސްއޭ) ގެ ޔޫތް ފުޓްބޯލް ޓުއާ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ރާއްޖޭގެ ޒުވާން ގައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅަށް ކުޅެ މުޅި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ރާއްޖޭގެ ކުޅުންތެރިންނެވެ.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް 2 ވަނަ މިނެޓްގައި މުހައްމަދު އިލާން އިމްރާން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގާދީފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 8 ވަނަ މިނިޓްގައި އަހުޒަމް ރަޝީދު ވަނީ ގައުމީ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.
މެޗުގެ 22 ވަނަ މިނެޓްގައި އީތަން މުހައްމަދު ޒަކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 ށް ބަދަލުކޮށްފައެވެ. އޭގެ ފަހުން 39 ވަނަ މިނެޓްގައި އަނޫފް އަބުދުالله ގައުމީ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ފަސްވަނަ ލަނޑު ޖަހައިދިނީ 65 ވަނަ މިނެޓްގައި މުހައްމަދު އިލާން އިމްރާންއެވެ. ގައުމީ ޓީމުގެ 6 ވަނަ ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓްގައި އަނޫފް އަބުދުاللهއެވެ.
35 ވަނަ މިނެޓްގެ ދެ ހާފް ކުޅުނު މިމެޗުގައި އައިއެސްއޭގެ ކުޅުންތެރިން ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެން ދިޔައިރު އަނިޔާގެ މައްސަލަތައްވެސް އެ ޓީމުގެ ކުޅުންތެރިންގެ ގިނަކަން ފާހަގަ ކުރެވުނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު އިލާން އިމްރާންއެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއެވެ.
އަދި ރާއްޖޭގައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ވަނީ މި މެޗު ބައްލަވާލައްވާ އޮސްޓްރޭލިއާ އެކަޑަމީ ޓީމާއި ބައްދަލުކުރައްވާފައެވެ.
ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު މޯލްޑިވްސް ސޮކާ މޭޓްސް އާއި ގުޅިގެން އައިއެސްއޭއިން ރާއްޖެއަށް ކުރި މި ދަތުރުގައި ގަލޮޅު ދަނޑުގައި ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުލަބު ވެލެމްސިއާގެ ޒުވާންޓީމާއެވެ. އެ މެޗު 3-0 ން ކާމިޔަބުކުރީ ވެލެމްސިއާއިންނެވެ.
ދެވަނަ މެޗުގައި މާޒިޔާ އާއި ދެކޮޅަށް އައިއެސްއޭ ނިކުތް އިރު އެމެޗު 2-0 ން ކާމިޔަބުކުރީ މާޒިޔާއިންނެވެ. ތިންވަނަ މެޗުގައި އެމްއެސް މޭޓްސް އެކަޑަމީގެ ޓީމާއި ބައްދަލުކޮށް 3-0 ކުން އައިއެސްއޭ ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ މެޗުން ގައުމީ ޓީމު އަތުން 6-0 ން ވަނީ ބަލިވެފައެވެ.