ޚަބަރު

ޓީ20 ޕްރިމިއަރ ލީގު: ނިއު ސްޓަރ އަތުން މިލާނަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއަރ ލީގުގައި އިއްޔެ ހެނދުނު ކުޅުނު މެޗުން މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ. ކުޅިވަރު އެކުވެނީގެ އެއްނަބަރު ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ ނިއު ސްޓަރ އަތުން ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން މިލާނުން ނިންމީ ހޮވުމަށެވެ. އެއާއެކު ނިއު ސްޓަރ އެންމެ ފުރަތަމަ ކުޅެން އަރައި 18.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 19 ލަނޑު ހެދި އާމިން އާއި، 20 ބޯޅައިން 15 ލަނޑު އެއްކުރި ސަރަވަންނަންއެވެ. މި އިނިންގްސްގައި މިލާންގެ އިބްރާހީމް ރަޒާން ވަނީ ތިން ވިކެޓު ނަގާފައެވެ.

ޖަވާބުގައި މިލާން ކުޅެން އަރައި 13.3 އޯވަރުގެ ތެރޭގައި އެ ޓީމުން ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން 88 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މިލާނުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 23 ބޯޅައިން 24 ލަނޑު ހެދި އިސްމާޢީލް ނަޒްވާން އާއި ނުބައިނުވެ 11 ބޯޅައިން 14 ލަނޑު އެއްކުރި ރިޒާންއެވެ.

މި މޮޅާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ސީބީއެލް ސްޕޯޓްސްވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި އޮތް ނިއު ސްޓަރއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީ އާއި އޮފް އެފްސީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް މާލޭ ސްޕޯޓްސް ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ލީގުގައި އިއްޔެ މެންދުރުފަހު އޮފް އެފްސީ އާއި އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކެންސަލް ކޮށްފައެވެ.