ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތުގައި ބެލެހެއްޓުމައް ކުރިއަށް ގެންދިޔަ ތަމްރީނު ކޯހުގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެއެވެ. މިއީ އެންދެރި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ރޭންޖާސް ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާ ފަރާއްތައް ތަމްރީނު ކުރުމުގެ ކޯހަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި ދެމެދު މި އަހަރުގެ ޖަނަވަރީ މަހު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ހިނގޭ ކޯހެކެވެ. މިކޯހުގެ މަގްސަދަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި މީހުން އުފެއްދުމެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވީ އެންދެރި މަޝްޜޫއުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި ގުޅިގެން ކުރިއަށް ގެންދެވުނު ރޭންޖާސް ތަމްރީނުކުރުމުގެ ކޯހުގެ ފުރަތަމަ ބެޗް ދަސްވެނިވެފައިވާކަމަށެވެ.
އެގޮތުން އެމް.އެން.ޔޫ ލާމު ގަން ކެމްޕަހުގައި ބޭއްވި މި ހަރަކާތުގައި 17 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ލ. އަތޮޅުން ސްކޮލަޝިޕް ލިބުނު 10 ފަރާތަކާއި މުޅި ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މިހާރުވެސް ހަރަކާތްތެރިވާ 7 ފަރާތެއް ހިމެނޭކަމަށެވެ.
އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޯސް އެންމެ ފުރަތަމަ އަމާޒުކޮށްފައިވަނީ ލ. އަތޮޅަށެވެ. ލ. އަތޮޅަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭކަމަށް އެ ވުޒާރާއިން މައުލޫމާތުދެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ގިނަ ސަރަޙައްދުތަކެއް ހުރިނަމަވެސް އެތަންތަން ބެލެހެއްޓުމަށް ހަރަކާތްތެރިވަނީ މަދު ރޭންޖާރސްތަކެކެވެ. ރާއްޖޭގައި މަސައްކަތްކުރާ ރޭންޖަރސް ޢަދަދުގެ ގޮތުން މަދު ނަމަވެސް ވަރަށް މުހިއްމު އަދި ބުރަ މަސައްކަތެއްކުރާ ބައެއްކަން މީގެ ކުރިން ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި އިތުރު ރޭންޖަރސް ތަމްރީންކޮށް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރައްވަން މަސައްކަތްކުރައްވަމުންދާކަމައްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.