ރާއްޖެއިން ބޭރަށް ގޮސްގެން ޒުވާން ކުޅުންތެރިންނަށް މެޗުތައް ކުޅެލަން ފުރުސަތު ނުލިބޭނަމަ، ރާއްޖެއަށް ޝައުގުވެރިވާ ގައުމުތަކުގެ ޓީމުތައް ގެނެސްގެން ފުރުސަތުތައް ފަހިކޮށްދިނުމަކީ ކުރިއަށް އޮތް ޖީލުތަކަށް ފުޓްބޯޅަ ބައްޓަން ކުރާއިރު ވަރަށް މުހިންމު ކަމެއް ކަމަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހީމް ސައީދު (ކަކާ) ބުނެފިއެވެ.
ޢިންޓަނޭޝަނަލް ސޮކަރ އެކަޑަމީން ރާއްޖޭއަށް ކުރި ޔޫތް ފުޓްބޯލް ޓުއަރގެތެރެއިން ޒުވާން ގައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސައީދު ބުނީ މިފަދަ ފުރުސަތުތަކަކީ ޒުވާން ޓީމުތަކަށް ވަރަށް ރަނގަޅު ތަޖުރިބާތަކަކަށްވާނެ ކަމަށެވެ.
މިފަދަ ފުރުސަތުތަކުގެ ސަބަބުން ވަރަށް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދެވޭ ކަމަށާއި، އެކި އެކި ސަބަބުތަކާއިހުރެ ރަސްމީ މުބާރާތްތަކަށް ނުދެވި ތިބި ކުދިންނަށްވެސް މިކަހަލަ މެޗުތަކުން ފުރުސަތު ދެވޭކަމަށް ސައީދު ބުންޏެވެ.
“އެއީ އަމިއްލަ ފަސްގަނޑުގައިވެސް ކުޅޭތީއާއި އެއްކޮށް. ގިނަ ކުދިންތަކެއް ބައިވެރިވާގޮތަށް މި ކަހަލަ ހަރަކާތްތައް ގެންދިއުމަކީ ހައްތާވެސް ފުޓްބޯޅައިގެތެރޭގައި ޒުވާން ޖީލު ޝައުގުވެރިކަންމަތީ ބޭތިއްބުމަށްޓަކައި ނޫނީ މިއަށް ހިތް ޖެއްސުމަށްޓަކައި ވަރަށް ރަނގަޅު ކަމެއް" ސައީދު ބުންޏެވެ.
މިފަދަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ފަހިކޮށްދިނީ މިކަން މިހާ ފުރިހަމަކޮށް ކުރިޔަށް ގެންގޮސްދިނީތީ ދިވެހިރާއްޖޭގެ ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް ސޮކާރ މޭޓްސްއަށް ޝުކުރު އަދާކުރާ ކަމަށްވެސް ސައީދު ބުންޏެވެ.
އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކާ އެކަޑަމީގެ ޒުވާން ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުނުމެޗު 6-0 ން ކާމިޔާބުކުރީ ރާއްޖޭގެ ކުޅުންތެރިންނެވެ.