އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ޗެލްސީއަށް ކުޅެމުން އަންނަ ނޮނީ މަޑުއެކޭ އާސެނަލްއަށް ބަދަލުވާން އުޅޭ ވާހަކަ ފެންމަތިވުމާއެކު، އެ ޓީމުގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް ކެމްޕޭނެއް ފަށައިފިއެވެ.
އުމުރުން 23 އަހަރުގެ އިންގްލެންޑްގެ މިޑްފީލްޑަރ, މަޑުއެކޭ އާސެނަލް އަށް ގެންދިއުމަށް 50 މިލިއަން ޕައުންޑުގެ ފީއެއް އާސެނަލް އިން ހުށައަޅާފައިވާއިރު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އޭނާ އާސެނަލް އާއި ގުޅޭނެކަމަށް ވަނީ ރިޕޯޓްތައް ބުނެފަ އެވެ.
ނަމަވެސް އެކަމާއި ދެކޮޅަށް އާސެނަލްގެ ސަޕޯޓަރުން ވަނީ ޕެޓިޝަނެއް ހަދާ ސޯޝަލް މީޑިޔާ ޕްލެޓް ފޯމެއް ކަމުގައިވާ އެކްސްގައި "ނޯޓުމަޑުއެކޭ" ގެ ނަމުގައި ކެމްޕޭނެއް ފަށާފަ އެވެ. އަދި މި ޕެޓިޝަނުގައި މިހާތަނަށް ހަތަރު ހާސް މީހުން ސޮއިކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މަޑުއެކޭ ޗެލްސީ އަށް ކުޅުނު 92 މެޗުގައި ޖުމްލަ 20 ލަނޑު ޖަހާފައިވާއިރު އޭނާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށްވެސް ކުޅެފަ އެވެ.
އާސެނަލްގެ ސަޕޯޓަރުން މަޑުއެކޭ އެ ކްލަބަށް ގެނައުމާއި ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި އާސެނަލް އިން ވަނީ ޗެލްސީގެ ހަ ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އަދި މި ސީޒަނުގައި އެންމެ ފަހުން ގެންގޮސްފައިވަނީ ގޯލުކީޕަރު ކެޕާ އެވެ.
އާސެނަލްގެ ބައެއް ސަޕޯޓަރުން ބުނެފައިވާ ގޮތުގައި މަޑުއެކޭ ގެނައުމީ އެ ކްލަބުން ކުރާ ބޭކާރު ޚަރަދެކެވެ. އަދި އާސެނަލްގައި މިހާރުވެސް އޭނާ ކުޅޭ މަގާމަށް ކުޅޭ ރަގަޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެހެންކަމުން އެ މަގާމަށް އިތުރު ކުޅުންތެރިން ހޯދާނަމަ ގެންނަންވާނީ އަގުހެޔޮ ކުޅުންތެރިންނެވެ.
މަޑުއެކޭ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން އެ ކްލަބުން ވަނީ ރެއާލް މެޑްރިޑްގެ ރޮޑްރިގޯ ހޯދުމަށްވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ކަމުގައި އެ ކްލަބަށް ކުރި ލިބޭ ގޮތްވަނީ ނުވެފަ އެވެ.