ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕިއުޓިކް ފަރުވާއަށް މިދިޔަ ޖޫން މަހު އެކަނިވެސް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 108 މީހަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް އެންސްޕާއިން ވަނީ ހަތަރު މިލިޔަން ފަންސާސް ފަސް ހާސް ދުއިސައްތަ އައްޑިހަ އެއް ރުފިޔާ ޚަރަދުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 72 ފިރިހެނުންނާއި 36 އަންހެނުންނެވެ.
- ބިހޭވިއަރ ތެރަޕީ- 63 ފަރާތަކަށް: 1،106،650 ރުފިޔާ
- އޮކިއުޕޭޝަނަލް ތެރަޕީ- 72 ފަރާތަކަށް: 1،222،776 ރުފިޔާ
- ސްޕީޗް ތެރަޕީ- 61 ފަރާތަކަށް: 1،022،420 ރުފިޔާ
- އެޑިއުކޭޝަނަލް ތެރަޕީ- 39 ފަރާތަކަށް: 603،925 ރުފިޔާ
- ސައިކޯ ތެރަޕީ-4 ފަރާތަކަށް: 42،000 ރުފިޔާ
- ފިޒިއޯ ތެރަޕީ- 2 ފަރާތަކަށް: 20،110 ރުފިޔާ
- އަރލީ އިންޓަވެންޝަން- 5 ފަރާތަކަށް: 37،400 ރުފިޔާ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 675 ފަރާތަކަށް 25.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެންސްޕާގެ ތަފާސް ހިސާބުތަކަށް ދައްކައެވެ.
އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ތެރެޕިއުޓިކް ފަރުވާއަށް މިދިޔަ އަހަރު 96.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެެވެ.
ރާއްޖޭގައި މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 14،412 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 8،384 ފިރިހެނުންނާއި 6،028 އަންހެނުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން"ގެ ނަމުގައި ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މި ޕްލޭނާއެކު އެމީހުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.