ޚަބަރު

ވިމްބަލްޑަންގެ ޗެމްޕިއަންކަން ސްވިއަޓެކް ހޯދައިފި


މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކް ހޯދައިފި އެވެ.

ޕޮލެންޑަށް އުފަން ސްވިއަޓެކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އެމެރިކާގެ އަމަންޑާ އަނިސިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް ސުމެއް އަދި ހައެއް ސުމެއްގެ ނަތީޖާއަކުން ދެ ސެޓު ކާމިޔާބުކޮށްގެންނެވެ.

ގްރޭންޑް ސްލޭމް މުބާރާރެއްގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި އަނިސިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ޕޮއިންޓެއް ނުދީ މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްވިއަޓެކް ހޯދުމާއިއެކު އޭނާ ވެފައިވަނީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓެއްގެ ޗެމްޕިއަންކަން ހޯދި ޕޮލެންޑުގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ.

ފައިނަލް މެޗުގެ ކުޅުން ޖުމްލަ 57 މިނިޓަށް ދިގުދެމިގެން ގޮސްފައިވާއިރު, މިއީ 1911 ވަނަ އަހަރަށްފަހު ވިމްބަލްޑަންގެ ފައިނަލް މެޗެއްގައި ޕޮއިންޓެއް ނުލިބި މެޗަކުން ކުޅުންތެރިއަކު ބަލިވި ފުރަތަމަ ފަހަރެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި އެންމެ ފަހުން ޕޮއިންޓެއް ނުލިބި ކުޅުންތެރިއަކު ބަލިވެފައިވަނީ 1988 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ސްޓެފީ ގްރަފް އަތުން ނަތާޝާ ޒްވެރޭވާ އެވެ.

ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅުނު ސްވިއަޓެކް ވަނީ މީގެ ކުރިން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އޭނާ ވަނީ ޖުމްލަ ގްރޭންޑް ސްލޭމް ހަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.