ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާނެ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް


  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާނެ އާލާތްތައް ހޯދަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުން ފަސޭހަކުރުމަށް ބޭނުންވާނެ އާލާތްތަކާއި، އެފަދަ ތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށް، ކަމާގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށް ބައްދަލުވުމެއް ފަށައިފިއެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ލިސްޓު އެކުލަވާލުމަށް ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަންވާނީ ބައިނަލްއަޤުވާމީ ސިޔާސަތުތަކާ އެއްގޮތަށް، ދިވެހި މުޖުތަމަޢުއަށް ކަންކަން ފަހިކުރުމަށްކަމަށެވެ.

"ޢުމުރުން ދުވަސްވުމާއި އުފަންވުމުގައި ދިމާވާ މައްސަލަތަކާއި ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން އެހީތެރިކަން ބޭނުންވާ ހާލަތްތައް އާދޭ. އަދި އެ ނުކުޅެދުންތަކަށް ފަސޭހަކުރާ އުފެއްދުންތަކާއި އީޖާދުތަކުގެ ލިސްޓެއް އެކުލަވާލާއިރު، ދިވެހި މުޖުތަމަޢަށްވެސް ރިޢާޔަތްކުރަންވާނެ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެންސްޕާއިން އެކުލަވާލާ ލިސްޓާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ކަންކަން ރާވާ ހިންގުމަށް އެހީވެދޭ އާލާތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް މަގު ތަނަސްވަސްވާނެ ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމަޢުއަށް ރިޢާޔަތްކޮށް އެންމެ މުނާސަބު އުފެއްދުންތަކުގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

"އެސިސްޓިވް ޕްރޮޑަކްޓްސްތަކަކީ ޖިސްމާނީ ހިއްސުތަކާ ގުޅޭ، ވިސްނުމާއި ހަނދާންކުރުމާއި މިފަދަ ތަފާތު އުނި ކަންކަން ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ބޭނުންތައް ފުއްދުމަށް ފަރުމާކޮށްފައި ހުންނަ ތަކެތި. ނުވަތަ އާލާތްތައް. މިފަދަ ލިސްޓެއް އެކުލަވާލުމުގެ ބޭނުމަކީ މިހާރުގެ ހާލަތާއި ނުކުޅެދުންތެރިކަން ގިންތި ކުރެވިފައިވާއިރު، ބޭނުންވާ އާލާތްތައް އަދާހަމަކޮށް ދައުލަތުގެ އެހީގައި ފޯރުކޮށްދިނުމަށް ސިޔާސަތުތައް އެކަށައެޅުމަށް ނިޒާމު ހަރުދަނާކުރުން." ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ޢާންމު ރައްޔިތުންގެ ޞިއްހީ އަދި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓެމަށްޓަކައި ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އައު އީޖާދުތަކަށް އަހުލުވެރިވުން މުހިންމުކަމަށްވެސް ހީނާ ވިދާޅުވިއެވެ.


އެންސްޕާއިން ވިދާޅުވީ އެސިސްޓިވް ޕްރޮޑަކްޓްސްޓަސް ނުވަތަ ނުކުޅޭދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ލިސްޓެއް އެކުލަވާލުމުގެ ބޭނުމަކީ އެފަދަ އާލާތްތައް ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު އެސިސްޓިވް ޕްރޮޑަކްޓްސްގެ އެކިއެކި އާލާތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ލިބެންހުރި ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރުމަށް މަގުފަހިކޮށް، ފަސޭހަކަމާއެކު ތަކެތި ލިބޭނެ ގޮތް ފަހިކުރުމަކީވެސް ލިސްޓުގެ ބޭނުމެއްކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

ލިސްޓު އެކުލަވާލުމަށް އެއްކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބާއްވާ މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ އެއް ދުވަހުގެ މުއްދަތަކަށެވެ.