ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކާލޮސް ކުއެރޯޒް، އޮމާނުގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.
ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު އޮމާނުގެ ގައުމީ ކޯޗަކަށް ހަމަޖެއްސީ އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވުމަށް ތަޖުރިބާކާރު ކޯޗެއްގެ އެހީތެރިކަން ހޯދުމުގެ ގޮތުންނެވެ. އޮމާން މިހާރު ވަނީ އޭޝިއާގެ ކޮލިފައިންގެ ހަތަރު ވަނަ ބުރަށް ހޮވިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަންގެ އެހީތެރިއަކަށް ވެސް މަސައްކަތް ކުރި ކުއެރޯޒް އަކި އޭޝިޔާގެ ފުޓްބޯޅަ އެނގޭ ތަޖުރިބާކާރެކެވެ. އޭނާ ވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު އިރާނުގެ ގައުމީ ޓީމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އަދި އެ ދެ މުބާރާތުގައި އިރާނަށް ކޯޗުކޮށްދިނީ ވެސް އޭނާ އެވެ.
ކުވޭތާއެކު ކޮލިފައިންގެ ހަތަރު ވަނަ ބުރަށް ހޮވިފައިވަނީ އިންޑޮނީޝިއާ އާއި ސައޫދީ އަރަބިއާ އާއި އިރާގެ އަދި ޔޫއޭއީ ގަތަރެވެ. މި ގްރޫޕުން ދެ ގައުމެއް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ.
ހަތަރު ވަނަ ބުރުގެ ގުރު ނެގުން އޮންނާނީ ބުރާސްފަތި ދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގަ އެވެ. މެޗުތައް ކުޅޭނީ އޮކްޓޫބަރުގަ އެވެ
އޮމާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ކުއެރޯޒްގެ އެހީތެރިކަން ހޯދަން ނިންމީ ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގައި ކުޅުމަށް އެ ގައުމުން ބުރާ މަސައްކަތް އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.
ކުއެރޯޒްގެ ކުރިން އޮމާނުގެ ކޯޗަކަށް ހުރީ ރާޝިދު ޖަބަރެވެ. އުމުރުން 72 އަހަރުގެ ކުއެރޯޒް ވަނީ އިރާނުގެ އިތުރުން ގަތަރަށް ވެސް ކޯޗުކޮށްދީފަ އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޓީމާ ހަވާލުކުރި ކޯޗު މަގާމުން ވަކިކުރީ އެންމެ 11 މެޗަށް ފަހު އެވެ.