އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާ ގަވަރނަންސެއް ގާއިމްކުރުން މުހިންމު ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން، އިސާގެ ޓެކްނިކަލް ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން އިސާއިން އިންތިޒާމުކޮށްގެން ބޭއްވި ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާ ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ ޖީލުތަކަކަށް އޭގެ އަސަރު ފޯރާނެ ކަންކަން ކަމަށެވެ.
ޝިއުނާ ފާހަގަކުރެއްވި ގޮތުގައި، މި ސެމިނާގައި މަޝްވަރާކުރެވޭ ކަންކަމަކީ ޕެންޝަން އޮފީސް ފަދަ މުއައްސަސާތަކަށް ނުހަނު މުހިންމު ކަންކަމެވެ. އޭގެ ތެރޭގައި ގަވަރނަންސް، ޕްލޭނިންގ، ޕެންޝަން ސްކީމްތަކުގައި ބައިވެރިވާ މިންވަރު އިތުރުކުރުން އަދި މުއައްސަސާގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ. މި ދާއިރާތަކަކީ މެންބަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މުހިންމު ދާއިރާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
The first session at the #ISSATSMaldives2026 explored factors and trends shaping social security financing across Asia and the Pacific, with a focus on demographic ageing, evolving labour markets, as well as emerging institutional and financing challenges.#ISSATechnicalSeminar pic.twitter.com/KDRyh7Zo9M
— Pension Office (@PensionOffice) May 6, 2026
ޕެންޝަން އޮފީހުގެ މެންޑޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި އަސާސީ ޕެންޝަން ސްކީމަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ގަވަރނަންސެއްގެ ދަށުން ހިންގަންޖެހޭ ސްކީމްތަކެއް ކަމަށެވެ. އަދި ސަރުކާރުތައް ބަދަލުވި ނަމަވެސް ނުވަތަ ސިޔާސީ އިސްކަންދޭ ކަންކަން ބަދަލުވި ނަމަވެސް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކަމާއެކު ދެމިއޮންނަންޖެހޭނީ ވަރުގަދަ ގާނޫނީ ބިންގަލެއްގެ މަތީގައި ކަމަށެވެ. މީގެ އިތުރުން، ޒިންމާދާރުވުމާއި ދެފުށް ފެންނަ ސަގާފަތެއް މުއައްސަސާތަކުގައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ނިންމާ ނިންމުންތަކުން ބައްޓަންވެގެންދާނީ އަދި ދުނިޔެއަށް ނުއުފަންވާ ކުދިންގެ މުސްތަގުބަލު. އެފަދަ ބޮޑު މަސްއޫލިއްޔަތެއް އަދާކުރުމަށް ހަމައެކަނި ހެޔޮ ނިޔަތާއި ސިޔާސީ އިރާދައެއް އޮތުމުން ނުފުދޭ،" ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ، މި ސެމިނާގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އައު ގޮތްތައް ދަސްކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސެމިނާ އިންތިޒާމުކުރުމުގައި އިސާއިން ދެއްވި އެއްބާރުލުމަށް ޝިއުނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ސެމިނާގައި އޭޝިއާ ސަރަހައްދުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭޖިންގ ޕޮޕިއުލޭޝަން ނުވަތަ އާބާދީ މުސްކުޅިވުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިޤްތިޞާދީ ނުތަނަވަސްކަމާ ގުޅޭގޮތުންވެސް މި ސެމިނާގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނާގައި އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ 13 މުއައްސަސާއަކުން ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.