ތައިލެންޑުގައި ކުރިއަށްދިޔަ ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ވާދަކޮށް ރަންވަނަ ހޯދި ރާއްޖޭގެ ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ ހުއަހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ރާއްޖެއިން ތިން ކެޓެގަރީއަކުން 30 ކުޅުންތެރިން ވާދަކުރި ކަމަށެވެ. އޭގެ ތެރެއިން ވެޓެރަންސް އާއި ބޯލްސް ކެޓެގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީމުން ވަނީ ހޯދާފައެވެ.
މި މުބާރާތުގެ ކާމިޔާބީއަށްފަހު ބުދަ ދުވަހުގެރޭ ރާއްޖޭގެ ވެޓެރަންސް ޓީމު އެނބުރި މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ކިޔާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޟްއެވެ. އަދި ކްރިކެޓް އާއިލާގެ ބޭފުޅުން ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެނބުރި މާލެ އައުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ސީބީއެމްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވީ މުބާރާތާ ކުރިމަތިލީ މިދިޔަ އަހަރުގެ މުބާރާތުގައި ލިބުނު ތަށި ދިފާއުކުރުމަށް ކަމަށާއި، ކުޅުނު ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ ލިބުނު ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.
މި މުބާރާތުގެ ވެޓެރަންސް ކެޓެގަރީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާރިފް ރިޒާ ބުނީ މުބާރާތް ކުރިއަށްދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެގޮތުން މުބާރާތުގައި ރާއްޖޭގެ ޓީމުން ކުޅުނު މެޗުތައް ވަރަށް ވަރުގަދަ ކަމަށެވެ. އަދި މި މުބާރާތަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް މި މުބާރާތުގައި ރާއްޖެއިން ވާދަކޮށްފައިވާއިރު، މިދިޔަ އަހަރުވެސް މި މުބާރާތުން ރާއްޖޭގެ ޓީމުން ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަދީފައެވެ. އެއީ 50 އަހަރުން މަތީ އުމުރުފުރާގެ ވެޓެރަންސް ކެޓެގަރީގެ ޗެމްޕިއަންކަމާއި، މާސްޓަރސް ކެޓެގަރީން ރަނަރަޕްކަމެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ސީނިއަރ ކްރިކެޓަރސް ކުލަބުގެ މެންބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިންތަކެއްހެން ޓީމުގައި ހިމެނުނު ކަމަށް ސީބީއެމްއިން މައުލޫމާތުދެއެވެ.